ENGLISH
10 ފެބްރުއަރީ 2026
ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދޭ ބިލު މަޖިލީހަށް
10 ފެބްރުއަރީ 2026
|
ދިވެހި ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރީން -- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅުއްވައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުޙަތު މުޙައްމަދެވެ.
ބިލު ހުށަހެޅި ސަބަބެއްކަމަށް މެމްބަރު ވިދާޅުވެފައިވަނީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގައި، ޚާއްޞަކޮށް އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން، މަސައްކަތުގެ ދާއިރާތަކުގައި ޚިދުމަތްކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމަށްޓަކައި، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތަޢާރުފުކޮށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުންކަމަށެވެ.
ޕްރޮގްރާމުގެ މައިގަނޑު އަސާސްތައް ކަނޑައަޅައި، ޕްރޮގްރާމުގައި ބައިވެރިވުމާއި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުޞަތުތައް ބަޔާންކޮށް، އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޛުކުރުމުގެ ހަމަތައް ބަޔާންކުރުމަކީ މި ބިލުގެ މަގުސަދުކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
ބިލުގައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅިދާނެކަމަށެވެ. ޢުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފަރާތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކުއެގައި ކަމަސް ވަނި ބަޔާންކޮށްފައެވެ.
މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުން އެ ޕްރޮގްރާމުގައި ބައިވެރިކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، އެ އެސެސްމަންޓުން ފާސްވުމުންކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި އެންރޯލްކުރެވި، އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ޒުވާނުން ޕްރޮގްރާމް ފުރިހަމަކުރުމުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ޤާބިލުކަން އެ ޒުވާނެއްގެ ކިބައިގައި ނެތްކަމަށް ކަނޑައެޅިއްޖެނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، އެ މީހުން ޕްރޮގްރާމުން ވަކިކުރަންވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތަޢުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު އެއް އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ޚިދުމަތެއް ކަނޑައަޅާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
މި ބިލު ޤާނޫނަކަށްވުމުން އެކުލަވާލާ ގަވަރނިން ކައުންސިލަކީ ދިފާޢީ ވަޒީރާއި ދާޚިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާޢީ ވަޒީރު ކަމަށް ބިލުގައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ފުރިހަމަވުމުންނެވެ.
ދިވެހި ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިވާއިރު ދިވެހި ވަތަނީ ޚިދުމަތުގެ ދެވަނަ ބުރަށް ހޮވުނު 350 ދަރިވަރުން މިހާރު ވަނީ ތަމްރީނުތައް ފަށައިފައެވެ. އަދި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު ފަންނީ ތަމްރީނު ފުރިހަމަކުރަން ބޭނުންވާ 66 ޒުވާނަކު އެ ތަމްރީނުތައް ވަނީ މިހާރު ފަށައިފައެވެ.