ENGLISH

11 ފެބްރުއަރީ 2026

Advertisement

އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށް އަނެއްކާވެސް ރެކޯޑެއް

10 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުން-- ފޮޓޯ: މޯލްޑިވިއަން

މިދިޔަ އާދީއްތަ ދުވަހަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހަފުތާގެ އާދިއްތަ ދުވަހު ރާއްޖެ އަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. މިއީ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެކުރީން، ފަހުގެ ތާރީހެއްގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ އަށް 10،253 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ.

މި އަހަރު ފެށިގެން މިހާތަނަށް އައިއިރު ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. އެގޮތުން، މިއަހަރަކީ ރާއްޖެ އަށް މިހާތަނަށް އެންމެ އަވަހަށް 2 ލައްކަ ފަތުރުވެރިން ހަމަވި އަހަރެވެ. މީގެއިތުރުން، ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާ އެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް ޗައިނާ އަރާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އާ ހަމައަށް ޗައިނާއިން ވަނީ 37،304 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް މުޅި ޖުމްލަ 295،500 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރާތްކުރި 279،915 ފަތުރުވެރިންނާ އަޅާބަލާއިރު، 5.6 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަން އަށް އެރުވުމަކީ، އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިއުލާން ކުރައްވާފަ އެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު