ENGLISH

11 ފެބްރުއަރީ 2026

Advertisement

ކައުންސިލް އިންތިޚާބުގެ މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައިފި

09 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އިލެކްޝަންގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އިލެކްޝަން ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ، އިންތިޚާބުގެ ކަންތައްތައް މޮނީޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފެބަރުއަރީ 9 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 28، 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އިލެކްޝަން އިން އިއުލާނުކޮށްފައިވާ މޮނީޓަރ އަކަށްވުމުގެ ޝަރުތުތައް:

  • އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
  • ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން. ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  • އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  • އިންތިޚާބުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
  • ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.

މޮނިޓަރަކަށް ވުމަށް ޝައުގުވެރިވާފަރާތްތަކުން، އެ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެނީ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އެގޮތުން ފޯމު ލާނެ ގޮތުގެ ތަފްޞީލް އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވެސް އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް މޮނިޓަރަކަށެވެ. މީގެ އިތުރުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑް ކުރެވޭނީ ވޯޓުލާ ސަރަޙައްދުގައި ވޯޓުލާ ބޫތާއި 10 ފޫޓަށްވުރެ ކައިރިނުވާ ގޮތަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނިޓަރުން ހަރަކާތްތެރިވާންވާނީ ކަނޑައަޅާ ފާހަކާ އެކު، އޮފިޝަލުންނަށް ދަތި ނުވާ ގޮތަށްކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ ކޮމިޝަނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު