ENGLISH
10 އޭޕްރީލު 2025
މި އަހަރަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ހޫނު ގަދަ އަހަރަށް ވާނެ
09 ޑިސެމްބަރު 2024
|
ވިއެޓްނާމްގެ ކޯރެއްގެ ހޫނު ގަދަވެގެން، މަސްތައް މަރުވެގެން ފެނުން މައްޗަށް އަރާފައި.--
މި އަހަރަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ހޫނު ގަދަ އަހަރަށް ވާނެކަން "ޔަޤީން"ކުރެވިފައިވާ ކަމަށާއި، ދުނިޔޭގެ ހޫނު މިން މިހާރު ވަނީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށް ޔޫރަޕުގެ މޫސުމާބެހޭ ޖަމްޢިއްޔާއިން ބުނެފިއެވެ.
ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސް އިން ހޫނު މިނުގެ އާ މިންގަނޑެއް ކަނޑައަޅާފައިމިވަނީ، ދުނިޔޭގެ ހޫނު މިން އަވަސްވުމުގެ ސަބަބުން މޫސުމީ އެތަކެއް ކާރިސާތަކަކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ކޮޕަރނިކަސް އިން ބުނީ، މި އަހަރުގެ ޖެނުއަރީ އާއި ނޮވެމްބަރު މަހާ ދެމެދު، އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވެފައިވާތީ، 2023 ވަނަ އަހަރު ފަހަތަށް ޖައްސާލައި، މި އަހަރަކީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އެންމެ މަތީގައި ހުންނާނެ ކަމަށް ޔަޤީންކުރެވިފައިވާ އަހަރަށް ވާނެ ކަމަށެވެ.
"2024 ވަނަ އަހަރަކީ ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރަށް ވާނެކަން މިހާރު ވަނީ ޔަޤީން ކުރެވިފައި،" އީޔޫގެ އެޖެންސީން ކޮންމެ މަހަކު ނެރޭ ބުލެޓިންގައި ބުންޏެވެ.
މީގެ އިތުރުން، މި އަހަރަކީ، ތެޔޮ އަންދައި، ޖައްވަށް ވިހަ ގޭސް ބޭރުކުރަން ފެށުމުގެ ކުރިން، 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދުނިޔެ ހޫނުވި ފުރަތަމަ އަހަރެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގައި ދުނިޔޭގެ ލީޑަރުން އެއްބަސްވި ގޮތާ ގާތަށް ވެސް ދުނިޔޭގެ ހޫނުމިން ހިފެހެއްޓިފައެއް ނުވެއެވެ. އޭރު އެއްބަސްވެފައި އޮތީ، 1.5 ޑިގްރީ ސެލްސިއަސް ގައި ހޫނު މިން ހިފެހެއްޓުމަށެވެ.
ޖައްވަށް ވިހަ ގޭސް ދޫކުރާ މާއްދާތައް އެންދުން ބޮޑުތަނުން މަދުކުރަން ދުނިޔޭގެ ފެންވަރުގައި އެއްބަސްވެފައިވިޔަސް، އެކަން އަދިވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އެކަމަކު ސަބަބުން މޫސުމީ ކާރިސާތައް ކުރިމަތިވާ މިންވަރު އިތުރުވަމުންދާ ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.
މި އަހަރު އެކަނިވެސް، ސްޕެއިން އާއި ކެންޔާގައި ފެންބޮޑުވެފައިވާއިރު، އެމެރިކާ އާއި ފިލިޕީންސްއަށް ބާރުގަދަ ތޫފާނުތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
މި ކާރިސާތަކުގެ ގެއްލުން 310 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި، އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2035 ވަނަ އަހަރާ ހަމައަށްދާއިރު، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަހަރަކު 1.3 ޓްރިލިއަން ޑޮލަރުގެ މާލީ އެހީ ބޭނުންވާނެއެވެ.