ENGLISH

08 ފެބްރުއަރީ 2026

Advertisement

އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި ސަރުކާރަށް ދިން ފުރަތަމަ ރަށަކަށް ވިލުފުށި

08 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވިލުފުށި، ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވިލުފުށީގައި އިންތިހާބުކުރަންޖެހޭ ދިހަ ގޮނޑީގެ ތެރެއިން ނުވަ ގޮނޑި ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ވޯޓު ނެގުމަކާ ނުލައި ލިބިއްޖެއެވެ. 

އެއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން، އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ކަށަވަރުކޮށްދިން ރަށަކަށް ވިލުފުށި މިވަނީ ވެފައެވެ.

ވިލުފުށީގައި އިންތިހާބުކުރަންޖެހެނީ ކައުންސިލުގެ ރައީސާއި ކައުންސިލުގެ ހަަތަރު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި އެ ކޮމިޓީގެ ހަތަރު މެންބަރުންނެވެ. ޖުމްލަ ދިހަ މެންބަރުން އިންތިހާބުކުރަންޖެހެއެވެ.

ކައުންސިލުގެ ރައީސްކަމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންގެ އިތުރަށް މިނިވަން ދެ ކެންޑިޑޭޓުން ވާދަކުރައްވާތީ ވޯޓު ނަގަންޖެހޭގޮތަށް ކުރިން އޮތީ ހަމަޖެހިފައެެވެ. 

އެހެންނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އަމިއްލަގޮތުން ވާދަކުރައްވާ ފާތިމަތު އަސީލާގެ ނަން އަނބުރާ ގެންދިއުމުން އެ ގޮޑި ވެސް މިހާރު ޕީއެންސީއަށް ވަނީ ލިބިފައެވެ. 

ވިލުފުށީގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމާއެކު މިހާރު ވޯޓަކަށް ދާންޖެހޭނީ ހަމައެކަނި ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް ނަގާ ވޯޓު އެކަންޏެވެ.  

ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ އިތުރުން ކޮންގްރެސް ޕާޓީއަށް ލިބުނު އަށް ގޮޑި ލިބުނީ އެ ގޮޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާތީއެވެ.

ވިލުފުއްޓަކީ އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ވަރަށް ގިނަ ރަށެއް ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެމްޑީޕީގެ ވެރިކަމުގައި ވިލުފުށި އޮތް ތަރައްގީގެ ރާޑަރުން ކައްސާލާފައިކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. 

މި ދައުރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ވިލުފުއްޓަށް ތަރައްގީގެ އިންގިލާބީ ބަދަލުތަކެއް އަންނަން ފަށާފައިވާއިރު ވިލުފުށީ ރައްޔިތުންގެ މި ނިންމުމަކީ، އެމީހުންގެ ރަށަށް ގެނެސްދެއްވާ ތަރައްގީއަށްޓަކައި ރައީސް މުއިއްޒަށް އެރުވި "ހަދިޔާއެއް" ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު