ENGLISH

08 ފެބްރުއަރީ 2026

Advertisement

ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އައްޔަނު ކުރައްވައިފި

08 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ދެ ބޭފުޅުން --

ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ކުރެވުނު އިޢުލާނުގެ ދަށުން އކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ މއ.ވޭސައިޑް 410 ފްލެޓް، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި ހުޅުމާލެ ފްލެޓް ނަންބަރު 01ޖީ-101، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ފެބުރުވަރީ ދެވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ނިންމައި މަޤާމުގެ ހުވައި ކުރައްވާފައިވާ ކަމަށެވެ.

މި ދެ ބޭފުޅުންނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

ފަނޑިޔާރު ރައޫފު އިބްރާހީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފަ އެވެ. ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ،ޢަބްދުލްރައޫފު ވަނީ 2011 މާރިޗް 26 އިން 2022 މޭ 31 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެވުނު އިރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމާއި، ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރގެ މަޤާމާއި އަދި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީގެ ލީގަލް ކޮންސަލްޓެންޓްގެ މަޤާމު ފުރުއްވާފައެވެ.

އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފަ އެވެ. ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އިސްމާޢީލް ޝަފީޢު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގަ އެވެ. 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވާ އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު