ENGLISH
10 އޭޕްރީލު 2025
ބައްޝާރަށް ރަޝިޔާއިން ހިމާޔަތް ދީފި
09 ޑިސެމްބަރު 2024
|
ބައްޝާރުގެ ވެރިކަން ވެއްޓުމާ ގުޅިގެން، ޖަރުމަނުގައި ދިރިއުޅޭ ސޫރިޔާ ރައްޔިތުން އުފާ ފާޅު ކުރަނީ. --
ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދު ޤައުމު ދޫކުރައްވާ އާއިލާއާ އެކު ވަޑައިގެންނެވީ ރަޝިޔާއަށް ކަމަށާއި، ރަޝިޔާގެ ސަރުކާރުން ބައްޝާރަށް ހިމާޔަތްދީފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ، ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އިއްޔެ ވަދެގަތުމާއެކު، އެ ސަޙަރުގެ މައި އެއާޕޯޓުން ބައްޝާރު ވަނީ ޤައުމު ދޫކުރައްވައި، ފުރާވަޑައިގެންފައެވެ.
"އަސަދާއި އާއިލާގެ ބޭފުޅުން ވަނީ މޮސްކޯއަށް ވަޑައިގެންފައި،" ރަޝިޔާގެ ސަރުކާރުގެ އިސް އޮފިޝަލަކު އެ ޤައުމުގެ ބައެއް ނޫސްތަކަށް ބުންޏެވެ.
"ރަޝިޔާއިން ބައްޝާރާއި އާއިލާއަށް ހިމާޔަތްދިނީ އިންސާނިއްޔަތުގެ މައްޗަށް ބިނާކޮށް."
ނަމަވެސް، ބައްޝާރަށް ހިމާޔަތްދިން ކަމެއް ރަޝިޔާއިން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
ސޫރިޔާގެ ރައީސް ބައްޝާރު-- ފައިލް ފޮޓޯ.
ބައްޝާރުގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާއިން ވަނީ ސޫރިޔާއަށް މިހާރު ކުރިމަތިވެފައިވާ ޙާލަތާ ގުޅިގެން، އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފައެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައި ވާއިރު ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ވަނީ އޭނާ އަދިވެސް ހުންނެވީ ދިމިޝްޤުގައި ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް އެ ބަޔަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން އިޢުލާނުކުރައްވާފައެވެ.
ރައީސް ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ޙަމަލާތައް ދޭން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.
ދިމިޝްޤަށް ވަދެގަތުމުގެ ކުރިން، އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕުރޮވިންސަށެވެ. ސިފައިންނާއި ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދިނުމަށްފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.
އޭގެ ތެރޭގައި އެ ޕުރޮވިންސުގެ ވެރިރަށް ޙަލަބް ސިޓީ އާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ. އެއަށް ފަހު، ހަނގުރާމަވެރިން ވަނީ ޙަމާއަށް ވެސް ވެރިވެގެންފައެވެ.
ޙުމްޞްގެ އިތުރުން، އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ދަރްޢާ ވެސް ވަނީ އެޗްޓީސީގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރް ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ސޫރިޔާގައި ވަނީ މަރުވެފައެވެ.