ENGLISH
10 އޭޕްރީލު 2025
އެމެރިކާއިން ޔޫކްރޭނަށް އިތުރު އެއް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭނެކަން އިޢުލާނުކޮށްފި
08 ޑިސެމްބަރު 2024
|
އަސްކަރީ ރަސްމިއްޔާތެއްގައި ޔޫކްރޭނުގެ ސިފައިން. --
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިއަށް، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި، ޔޫކްރޭނަށް ގާތަގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމާފައިވާ ކަން، ރައީސް ޖޯ ބައިޑެން އިޢުލާނުކުރައްވައިފިއެވެ.
މިދިޔަ މަހު އޮތް އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމުން، އެމެރިކާއިން ޔޫކްރޭނަށް ދެމުން އައި އަސްކަރީ އެހީ ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ބައިޑެންގެ ވެރިކަން ނިމުމުގެ ކުރިން، ޔޫކްރޭނަށް ދޭން އިޢުލާނުކުރި ޖުމްލަ 988 މިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ތެރޭގައި، ޑްރޯން އާއި، ރޮކެޓާއި ވަޒަނުގެ އިތުރުން ޓޭންކަރު ފަދަ އަސްކަރީ އުޅަނދުތައް މަރާމާތުކުރަން ބޭނުންވާ އާލަތްތައް ހިމެނޭނެ ކަމަށް، ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި އެހީ އިޢުލާނުކުރުމުގެ ކުރިން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ފްރާންސްގެ ވެރިރަށް ޕެރިސްގައި ޓްރަމްޕް އާ ބައްދަލުކުރައްވައިފައެވެ.
ޓްރަމްޕްގެ ވެރިކަމެއްގައި ރަޝިޔާއަށް ދޫދޭން ޔޫކްރޭނަށް ބާރު އަޅާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް ބޭއްވި މި ބައްދަލުވުމަށްފަހު، ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ އާ އެކު ސުލްޙަ ޤާއިމުކުރެވޭނީ، ޔޫކްރޭނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގެރެންޓީތަކެއް ލިބިގެން ކަމަށެވެ.
ވެރިކަމަށް ވަޑައިގަންނަވަތާ ދެ ތިން ގަޑިއިރުގެ ތެރޭގައި، ޔޫކްރޭނު ހަނގުރާމައަށް ނިމުމެއް ގެނެސްދެއްވޭނެ ކަމަށް، އެމެރިކާގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެމެރިކާގެ އެހީ އާ ނުލައި، ރަޝިޔާ އާ އެކު ކުރަމުންދާ ހަނގުރާމަ ދަމަހައްޓަން ޔޫކްރޭނަށް ދަތިވާނެއެވެ.
އެހެންކަމުން، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، އެމެރިކާއިން ޔޫކްރޭނަށް ދެވެން އޮތް އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ އިޝާރާތެއް ބައިޑެން ވަނީ މީގެކުރިން ދެއްވައިފައެވެ.