ENGLISH
21 މާރިޗު 2026
އިދިކޮޅު ކައުންސިލަރުން ކުރާ ޖެއްސުން ނިމުމަކަށް ގެންނަންޖެހޭ: މެމްބަރު އިބްރާހީމް ހުސައިން
31 ޖެނުއަރީ 2026
|
މެންބަރު އިބްރާހީމް ޙުސައިން އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ// ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކައުންސިލަރުން ކުރާ ޖެއްސުން ނިމުމަކަށް ގެންނަންޖެހޭކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.
ޕީއެންސީން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ރަށަށް މޮޅުވާނީ ސަރުކާރުގެ ސިޔާސަތު ގަބޫލުކުރާ ބަޔަކު ކައުންސިލަށް ހޮވައިގެން ކަމަށެވެ.
އަދުގެ ސަރުކާރުން ފުވައްމުލަކު ސިޓީއަށް ހާއްސަ އިސްކަމެއް ދޭ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިގެން ނޫނީ މި ކަންކަން ތަންފީޒު ނުކުރެވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު މާލީ ގޮތުން ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި މިދިޔަ ދެ އަހަރު ދަރަނި ދެއްކުން ނޫން ކަމެއް ސަރުކާރަށް މިއުޅެނީ ނުކުރެވިގެންކަމަށް ވިދާޅުވިއެވެ. ނަމަވެސް ދަރަނި ދައްކަމުން ވެސް މިދިޔަ ސަރުކާރުތަކަށް ވުރެ މާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަކަމަށް މެމްބަރު ވިދާޅުވިއެވެ.
ކައުންސިލުތަކުގެ މެޖޯރިޓީ ލިބިގެން ނޫނީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެއޭ އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރާ ބައެއްކަމަށް ބުނެފައި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކައުންސިލަރުން ހޮވުމަށް ފަހުގައި އަޅުގަނޑުމެން ބޭނުންވާ ތަރައްގީ ހާސިލުކުރެވިގެންދާނީ. އަދި އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑުމެންނަށް އިސްކަން ދެވިގެންދާނީ. އިދިކޮޅު ކައުންސިލްތަކުން ނުވަތަ ކައުންސިލަރުން ސަރުކާރަށް ކުރާ ޖެއްސުން ނިމުމަކަށް ގެންނަން އެބަޖެހޭ. ވަކި ކުލަޔަކަށް ނުވަތަ ފިކުރަކަށް ނިސްބަތްވާތީ ކަންކަން ނުކުރެވޭގޮތައް އޮތް އޮތުން ބަދަލުކުރަންޖެހޭ." - ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން
މެމްބަރު ވިދާޅުވީ މިހާރުވެސް ބައެއް ބިންތައް ހޯދުމުގައި ސަރުކާރަށް ފިއްތުންތަން ކުރިމަތިކުރާ ކައުންސިލުތައް އެބަ ތިބިކަމަށެވެ.
ވުމާއެކު ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކައުންސިލުތަކުން ކުރާ ޖެއްސުން ނިމުމަކަށް ގެނައުމަށް މެމްބަރު ތަކުރާރުކޮށް ގޮވާލެއްވިއެވެ.
އެމަގަށް ކަންކަން ކުރެވިއްޖެނަމަ ސަރުކާރުގެ ސިޔާސަތުތައް ފުވައްމުލަކުގައި ދިރުވޭނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.