ENGLISH

21 މާރިޗު 2026

Advertisement

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

31 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް-- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭ ފޭސް 2 ހިޔާ ޓަވަރު 5 ގައި އިއްޔި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމެންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އެޕާޓްމެންޓުތަކުގެ މައި ފާހާނާ ހޮޅިއަށް ގެއްލުން ލިބިފައިވާތީ ބައެއް އެޕާޓްމެންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ، އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެމްއެންޑީއެފް، ދިވެހި ފުލުހުން، އެޗްޑީސީ، މާލެ ވޯޓަރ އެންޑް ސުވްރޭޖް ކުންފުނީގެ އިތުރުން ސްޓެލްކޯއިން ގުޅިގެން ކުރިއަށް ގެންދާކަމަށް ކަމަށް އެމްޑީއެމްއޭއިން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ގެއްލުންވި 7 އެޕާޓްމެންޓްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން މިހާރު ހަމަޖައްސައިދީފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސެން ކައިރިވި ވަގުތު އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ އަލިފާން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެ ހިދުމަތުގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެ، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ގިނަ ފަރާތްތަކަށް ދަތި އުނދަގޫތައް ވަނީ ކުރިމަތިވެފަ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެޗްޑީސީއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ، އެ އޮތޯރިޓީގެ އިމެޖެންސީ ހޮޓްލައިން 115 އަށް ގުޅުއްވުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު