ENGLISH

01 ފެބްރުއަރީ 2026

Advertisement

އުނގެނުމުގެ މަގަކީ، ސުވަރުގެއަށް މަގުފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް: ހުކުރު ޚުޠުބާ

30 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

އުނގެނުމުގެ މަގަކީ، ދިގު އަދި ބުރަ މަސައްކަތެއް ނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ވަށައިޖެހޭ ތަޢުލީމުގެ މަތީގައި އުންމަތް ބިނާކުރާށެވެ!" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫން ކަމަށެވެ. އެ ތަޢުލީމާއި ތަރުބިއްޔަތު ވާންޖެހޭނީ އެ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށް ޓަކައި، ފޯރުކޮށްދެވޭ، ވަށައިޖެހޭ ތަޢުލީމަކަށް ކަމަށް ޚުޠުބާގައި ބުންޏެވެ.

މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްޤީކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދިނުމަށްފަހު، އެ ކުދީންގެ ޅަނދޮޅު ހިތްތަކަށް ރޫޙާނީ ދިރުން ގެނެސްދިނުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.

"ލޮބުވެތި ދަރިވަރުންނޭވެ! ތިޔައީ ޤައުމާއި އުންމަތުގެ އުންމީދެވެ. މިއަދު ތިޔަ ކުދީން މަދަރުސާއަށް ތިޔަ ދަނީ، މުޅި ޤައުމުގެ މުސްތަޤުބަލު ތިޔަ ކުދީންގެ ކޮނޑުގައި އުފުލައިގެންނެވެ. ތިޔަ ކުދީންނަށް އުގަންނައިދޭ މުދައްރިސުންނަށް އިޙުތިރާމުކުރާށެވެ! މަދަރުސާގެ އުޞޫލުތަކަށް ޙުރުމަތްތެރިކޮށްހިތާށެވެ! ވަގުތާއި މަސައްކަތްތައް ރާވައިލާށެވެ! ބޭނުމެއް ނެތް ކަންކަމުގައި ވަގުތު ހޭދަނުކުރާށެވެ! އުނގެނުމުގެ މަގަކީ، ދިގު މަގެކެވެ. އެއީ ބުރަ މަސައްކަތެކެވެ. އެހެނަސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެކެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މުދައްރިސުންނަކީ، ޢިލްމު އުނގަންނައިދިނުމުގެ މަތިވެރި ވަޒީފާ ޚިޔާރުކުރައްވައިގެން ތިއްބެވި މުރައްބީން ކަމަށާއި، ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށް ރޯޝަންކޮށްދޭ ދަންމަރުތަކަކީ ވެސް އެއީ ކަމަށެވެ. ކުރިމަގަށް ޓަކައި އެ ކުދީން ބިނާކުރާ މޭސްތިރީންނަކީ މުދައްރިސުންކަމަށްވީހިނދު، ކޮންމެ މާއްދާއެއް ކިޔަވައިދިންކަމުގައި ވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އެއީ ނުހަނު ބޮޑު އަމާނާތެއް ކަމަށާއި، އެހެންކަމުން އިސްލާމްދީނުގައި ޢިލްމުވެރީންގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"ލޮބުވެތި ބެލެނިވެރީންނޭވެ! ދަރީން މަދަރުސާއަށް ފޮނުވުމުން ތިޔަ ބެލެނިވެރީންގެ ޒިންމާ އެ ހިސާބުން ނިމުނީކަމުގައި ނުދެކޭށެވެ! އެ ކުދީންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެ ކުދީންނަށް ހިތްވަރުދީ އިތުބާރު ވެސް ހޯދައިދޭށެވެ! ދަރިވަރުންގެ ޞިއްޙަތާއި، އެ ކުދީންނަށް އަންނަ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިޔާއަށް ވާށެވެ! ޢާއިލީ ނުތަނަވަސްކަމާއި މުޖުތަމަޢުން ކުރިމަތިވާ ތުރާތަކުން ދަރީން ދުރުކޮށްދީ، އެ ކުދީން ރައްކާތެރިކޮށްދޭ އައްޑަނައަކަށްވާށެވެ! ކާމިޔާބީގައި ބައިވެރިވެ، ތަރުޙީބުދޭށެވެ! ނާކާމިޔާބީގައި އަތުގައި ހިފައި، އައު ޢަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭށެވެ!" ޚުޠުބާގައި ބުންޏެވެ.

ކަމާބެހޭ އިދާރާތަކުގެ ވެރީން ވެސް ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރުމަށް ގޮވާލަމުން، ޚުޠުބާގައި ވަނީ، މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއް ގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރުމަށް ބުނެފައެވެ. ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ، އަންނާން އޮތް ޖީލުތަކަށް ޓަކައި އިދާރާތަކުގެ ވެރީންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއްގެ އިތުރުން އެއީ ބޮޑު އަމާނާތެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"ޢިލްމު އުނގެނުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށް، އިމްތިޙާނުތަކަކުން ފާސްވުމެއްނޫނެވެ. އެހެނެއްކަމަކު، އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ ދިރުމެކެވެ. ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެކެވެ. ޢިލްމުގެ އަސްލު މަޤުޞަދަކީ އިންސާނާގެ ކިބައިގައި މަތިވެރި އަޚުލާޤާއި، މާތް اللهއަށް ބިރުވެތިވުމުގެ ސިފަ އަށަގަންނެވުމާ އެކު، ބިން ހެޔޮ ގޮތުގައި ޢިމާރާތްކޮށް، މުޖުތަމަޢަށް ފައިދާކޮށްދޭނޭ، ޞާލިޙު ބަޔަކު ބިނާކުރުމެވެ. އެހެންކަމުން އަހަރެމެންގެ ދަރީންނަށް ޢިލްމު އުނގަންނައިދީ އެ ކުދީންނަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބީ ޙާޞިލުވާނޭ މަގަށް ތަރުބިޔަތުކޮށްދޭ މުދައްރިސުންނަކީ މާތް ﷲގެ ޙަޟުރަތުގައި މަތިވެރި ބަޔެކެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ، ދީނީ ޢިލްމާއި ދުންޔަވީ ޢިލްމުގެ މާހިރުންނަށް މިއަދު މި އުންމަތްވުމަށް ބޭނުންވާ ކަމަށާއި، ތަޢުލީމީ ނިޒާމުގެ ތެރެއިން މިހާރު ބިނާކުރާން މި އުންމީދުކުރާ ޖީލަކީ، އިޚުލާޞްތެރި، އަމާނާތްތެރި، ޢަދުލުވެރި، ޢިލްމުވެރި، ޚުލްޤު ހެޔޮ، ޤައުމީ މަޞްލަޙަތު އިސްކުރާ، ޙައްޤަށް ތަބާވާނޭ ޢަދުލުވެރި ޖީލެއް ކަމަށް ބުނެފައިވެއެވެ. މި އަސާސްތަކުގެ މައްޗަށް ބިނާވާ ޖީލަކީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ގެންދާނެ ޖީލެއް ކަމަށާއި، އެ ޖީލަކާ މެދު މުޖުތަމަޢު އުފާކުރާނެ ޖީލަކަށް ހެދުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު