ENGLISH
10 އޭޕްރީލު 2025
ސޫރިޔާގެ ހަނގުރާމަވެރިން ދިމިޝްޤު ހިފުމާ އެކު، ރައީސް ބައްޝާރު ފިއްލަވައިފި
08 ޑިސެމްބަރު 2024
|
ސޫރިޔާ މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން، ވެރިރަށް ދިމިޝްޤު ހަނގުރާމަވެރިންގެ އަތް ދަށަށް ދިޔުމާއެކު، ރައީސް ބައްޝާރް އަލް އަސަދު ޤައުމުގެ ދޫކޮށް ފިއްލަވައިފިއެވެ.
ބައްޝާރްގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ދިމިޝްޤުގައި ކާމިޔާބު އިޢުލާނުކޮށްފައިވާއިރު، ބައްޝާރްގެ ވެރިކަން ނިމިއްޖެ ކަމަށް ބުނެ، އެ ސަޙަރުގެ ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައި ވާއިރު ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ވަނީ އޭނާ އަދިވެސް ހުންނެވީ ދިމިޝްގުގައި ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް އެ ބަޔަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން އިއުލާނުކުރައްވާފައެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ، ހަނގުރާމަވެރިން ދިމިޝްޤަށް ވަދެގަތުމާއެކު، އެ ސަޙަރުގެ މައި އެއާޕޯޓުން ބައްޝާރް ވަނީ ޤައުމު ދޫކުރައްވައި، ފުރާވަޑައިގެންފައެވެ.
ރައީސް ބައްޝާރު އަލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ޙަމަލާތައް ދޭން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.
ދިމިޝްޤަށް ވަދެގަތުމުގެ ކުރިން، އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕުރޮވިންސަށެވެ. ސިފައިންނާއި ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދިނުމަށްފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.
އޭގެ ތެރޭގައި އެ ޕުރޮވިންސުގެ ވެރިރަށް ޙަލަބް ސިޓީއާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ. އެއަށް ފަހު، ހަނގުރާމަވެރިން ވަނީ ޙަމާއަށް ވެސް ވެރިވެގެންފައެވެ.
ޙުމްޞްގެ އިތުރުން، އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ދަރްޢާ ވެސް ވަނީ އެޗްޓީސީގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރް ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ސޫރިޔާގައި ވަނީ މަރުވެފައެވެ.