ENGLISH
10 އޭޕްރީލު 2025
ސޫރިޔާގެ ޙުމްޞް ވެސް ހަނގުރާމަވެރިންގެ އަތް ދަށަށް
07 ޑިސެމްބަރު 2024
|
ސޫރިޔާގެ ހަނގުރާމަވެރިން ހަތިޔާރާ އެކު މަގެއް ޕެޓްރޯލް ކުރަނީ. --
ސޫރިޔާ މިހާރު ހިނގަމުންދާ ދާޙިލީ ހަނގުރާމައިގެ ތެރެއިން، ސިފައިން ފަހަތަށް ޖައްސައި، ޙުމްޞްގެ ބައެއް ސަރަޙައްދުތައް ވެސް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
ރައީސް ބައްޝާރް އަލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ޙަމަލާތައް ދޭން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕުރޮވިންސަށެވެ. ސިފައިންނާއި ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދިނުމަށްފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.
އޭގެ ތެރޭގައި އެ ޕުރޮވިންސުގެ ވެރިރަށް ޙަލަބް ސިޓީއާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ. އެއަށް ފަހު، ހަނގުރާމަވެރިން ވަނީ ޙަމާއަށް ވެސް ވެރިވެގެންފައެވެ.
ޙުމްޞްގެ އިތުރުން، އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ދަރްޢާއަށް ވެސް އަތްގަދަ ކޮށްފައިވާނެ ކަމުގައި އެޗްޓީއެސުން ބުންޏެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި، މީގެ އަށް ދުވަސް ކުރިން ދޭން ފެށި މި ޙަމަލާތަކުގައި، މިހާތަނަށް 820 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި އާންމުންގެ 111 މީހަކު ހިމެނެއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރަޝިޔާގެ އިތުރުން އިރާނުގެ މަދަދު މީގެކުރިން ލިބެއެވެ.
އެކަމަކު މި ވަގުތު އެ ދެ ޤައުމުގެ ވެސް އަމިއްލަ ހަނގުރާމަތަކަށް ސަމާލުކަން އެނބުރިފައިވާތީ، އެޗްޓީއެސްގެ އަތްދަށުން ހަމާ އާއި ޙަލަބު ސަލާމަތް ކުރަން އަސަދަށް ދަތިވާނެއެވެ.