ENGLISH

10 އޭޕްރީލު 2025

Advertisement

އިތުބާރު ނެތް ކަމުގެ މައްސަލައިން ދެކުނު ކޮރެއާގެ ރައީސް ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެއްޖެ

07 ޑިސެމްބަރު 2024

|

އެމް އެމް

ދެކުނު ކޮރެއާގެ ރައީސް ޔޫން މަޤާމުން ދުރުކުރަން ގޮވާލައި މުޒާހަރާ ކުރަނީ. --

ދެކުނު ކޮރެއާގެ ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ މެންބަރުން ޤާނޫނު ހަދާ މަޖިލީހުގެ ތަޅުން ދޫކޮށް ނުކުތުމުން، ރައީސް ޔޫން ސުކް ޔެއޯލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްވުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު  ޔޫން އިޢުލާނު ކުރެއްވީ، އުތުރު ކޮރެއާގެ ނުފޫޒު ދެކުނު ކޮރެއާގެ ދަޢުލަތުގެ އެތެރެއަށް ފޯރާފައިވާ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް، ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރެއްހާ އިރުގެ ތެރޭގައި، އެ ނިންމުން ބާތިލުކުރައްވަން ޔޫންއަށް މަޖުބޫރުވީ، ސިފައިން ނުކުމެ ބަންދުކޮށްފައި އޮތް ޤާނޫނު ހަދާ މަޖިލީހަށް، އިދިކޮޅު މެންބަރުން ގަދަކަމުން ވަދެގަނެ، ކުއްލި ޙާލަތު އުވާލަން ފާސްކުރުމުންނެވެ. 

ކުއްލި ޙާލަތު އުވާލެއްވިޔަސް، ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުން މިއަދު ހަވީރަށް އޮތީ ތާވަލުކޮށްފައެވެ. 

ނަމަވެސް، ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް، ޕީޕީޕީގެ ހުރިހާ މެންބަރުން ހެން ވަނީ ތަޅުން ދޫކޮށް ނުކުމެފައެވެ. ދެކުނު ކޮރެއާގެ 300 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ 192 މެންބަރުން ތިބިއިރު، ޕީޕީޕީގައި ތިބީ 108 މެންބަރުންނެވެ.

ޔޫން މަޤާމުން ވަކިކުރަން މަދުވެގެން 200 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، ވޯޓުގައި ބައިވެރިވީ ޕީޕީޕީގެ އެންމެ ތިން މެންބަރުންނެވެ. 

ވޯޓުގެ ނަތީޖާ އިޢުލާނު ކުރުން މަޑުޖައްސާލައްވައި، ދެކުނު ކޮރެއާގެ މަޖިލީހުގެ ރައީސް ވަނީ ޤައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރަން، ޕީޕީޕީގެ މެންބަރުން ތަޅުމަށް އެނބުރި އައުމަށް އެދިވަޑައިގެންފައެވެ. 

ވޯޓުގެ ކުރިން ޔޫން ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. 

"އަޅުގަނޑުގެ ސަބަބުން އާންމުންނަށް ހާސްކަމާއި އުނދަގޫތައް ކުރިމަތިވެފައިވާ އިޚްލާސްތެރިކަމާއެކު މާފަށް އެދެން،" ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ޔޫން ވިދާޅުވިއެވެ.

ޔޫންގެ ދިފާއުގައި ޕީޕީޕީގެ މެންބަރުން ތެދުވެފައިމިވަނީ، ޔޫން އަކީ "ނުރައްކަލެއް"ގެ ގޮތުގައި ސިފަކޮށް، މަޤާމުން ދުރުކުރަންޖެހޭ ކަމަށް ޕާޓީގެ ލީޑަރު ހާން ޑޮންގް ހޫން ވިދާޅުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު