ENGLISH

24 ޖެނުއަރީ 2026

Advertisement

ފުޓްސަލް ޓީމުން ހޯދި އެއްވަނަ މަޤާމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެއް: ފަސްޓް ލޭޑީ

24 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްސަލް ޓީމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަރްޙަބާ ވިދާޅުވެއްޖެއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ މިއަދު މެންދުރު ފަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 3-1 އިން މޮޅުވެގެންނެވެ.

ގައުމީ ފުޓްސަލް ޓީމު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔައި، ޝުކުރު އަދާކުރައްވާފައެވެ.

"ޤައުމީ ފުޓްސަލް ޓީމް ދެއްކި މޮޅު ކުޅުމާއި ހޯދި އެއްވަނަ މަޤާމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެއް،" ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މިއަދުގެ ތާރީޚީ މެޗުގައި ކުރީން ލީޑުނެގީ ބޫޓާނުންނެވެ. ރާއްޖޭން މެޗު ކާމިޔާބުކުރީ ފަހަތުންއަރައި ޖެހި ގޯލުތަކުގެ އެހީގައެވެ. މެޗުގައި ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ ޢަބްދުﷲ ޖުނައިދު އާއި އަހުމަދު ހަމީދު އަދި މުޙައްމަދު އިމްރާން އެވެ.

ފިރިހެން ފުޓްސަލް ޓީމުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، އަންހެން ފުޓްސަލް ޓީމު ވެސް ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު