ENGLISH

24 ޖެނުއަރީ 2026

Advertisement

ރަން މެޑަލް ހޯދި ގައުމީ ފުޓްސަލް ޓީމަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

24 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު. ރާއްޖޭން ވަނީ ޗެމްޕިއަންކަން ހޯދާފަ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފިރިހެން ފުޓްސަލް ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. 

ރާއްޖޭން ޗެމްޕިއަންކަން ކަށަވަރުކުރީ މިއަދު މެންދުރު ފަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. 

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ ބާކީ މެޗެއް އޮއްވަ އެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ރާއްޖެ އަށް ލީގު ބުރުގެ އެއް ވަނަ ލިބޭނެކަން ކަށަވަރުވީ 15 ޕޮއިންޓާ އެކު އެވެ. ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. 

ގައުމީ ފުޓްސަލް ޓީމު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރިންނަށް އައްސަރިބަހާއި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމަށެވެ. 

"ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް. މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބޫޓާނުންނެވެ. ރާއްޖޭން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ގޯލުތަކުން މޮޅުވެގެންނެވެ. ރާއްޖޭގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ. ދެވަނަ ގޯލު ދެވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ، އަހުމަދު ހަމީދު އެވެ. ރާއްޖޭގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. 

ފިރިހެން ފުޓްސަލް ޓީމުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، އަންހެން ފުޓްސަލް ޓީމު ވެސް ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު