ENGLISH
23 ޖެނުއަރީ 2026
ގައުމީ އެއާލައިންއިން ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން ގުޅައިލަނީ
23 ޖެނުއަރީ 2026
|
ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުކަމަށްވާ އައްޑު އަތޮޅާއި، ފުވައްމުލަކާއި ހުވަދޫގެ ދެ ބުރި ވައިގެ ދަތުރުތަކުން ގުޅުވައިލާ، އެ އަތޮޅުތަކުގެ މެދުގައި ހާއްސަ ދަތުރުތަކެއް ފެށުމަށް ނިންމައިފިއެވެ.
ގައުމީ އެއާލައިންއިން ބުނި ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ހަތަރު އަތޮޅުތަކުގެ މެދުގައި ހާއްސަ ދަތުރުތަކެއް ގައުމީ އެއާލައިނުން ފަށާނެއެވެ. އަދި އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު އެ އެއާލައިނުންވަނީ ހުޅުވައިލާފައެވެ.
ފަސް ސެކްޓަރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ދަތުރުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ގަމާއި، ކާޑެއްދޫއާއި ކޫއްޑޫ އަދި ފުވައްމުލަކުގެ މެދުގައި ކުރާ ދަތުރުތަަކާއި ފުވައްމުލަކުން ކާޑެއްދޫއާއި ކޫއްޑޫއަށް ކުރާ ދަތުރުތަކެވެ.
ގައުމީ އެއާލައިނުން އިއުލާނުކޮށްފައިވާ އަގުތަކަށް ބަލާއިރު ގަމާއި ފުވައްމުލަކުގެ މެދުގައި ކުރާ ދަތުރުތަކުގެ އަގަކީ 500 ރުފިޔާއެވެ. އަދި ފުވައްމުލަކާއި ކޫއްޑޫގެ މެދުގައި ކުރާ ދަތުރުތަކުގެ އަގަކީ 650 ރުފިޔާއެވެ. އައްޑޫ ގަމާއި ކާޑެއްދޫގެ މެދުގައި ކުރާ ދަތުރުތަކުގެ އަގެއްކަމަށް ކަނޑައަޅާފައިވަނީ 900 ރުފިޔާއެވެ.
މި ދަތުރުތައް ފަށަނީ މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓުގައި ކުރިން ބޭނުންކުރި ޓުވިން އޮޓަރ މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓަކީ 15 މީހުންގެ ޖާގައިގެ ބޯޓެއްކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.
މޯލްޑިވިއަންއިން ބުނެފައިވާ ގޮތުން މި ދަތުރުތަކަކީ ރާއްޖޭގެ ސަރަހައްދީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެ ކުންފުނިން ތައާރަފުކުރި ދަތުރުތަކެކެވެ.