ENGLISH
23 ޖެނުއަރީ 2026
ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުރައިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި
23 ޖެނުއަރީ 2026
|
ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ކ. ގުރައިދޫގައި ބެހެއްޓި އައު އިންޖީނު. --ފޮޓޯ: ސްޓެލްކޯ
މި އަހަރުގެ ކުރިއަށް އޮތް ޕީކް ސީޒަނަށާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކ. ގުރައިދޫ އަށް 1،000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި ކޮމިޝަންކޮށް މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، ގުރައިދޫގައި ބެހެއްޓި އައު ޖެންސެޓާއެކު އެރަށުގެ ޖެނެރޭޝަން ކެޕޭސިޓީ 2،960 ކިލޯވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ގުރައިދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ އެވެ.
ކޮންމެ އަހަރަކުވެސް މާޗު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ރާއްޖޭގައި ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އަދި މި ދުވަސްވަރާ ރޯދަމަސް ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އެ މަހު އިތުރުވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ.
އެހެންކަމުން، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގެ ދުވަސްތަކުގައި ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތާއި އޮފީސްތަކުގައި މީހުން ހޭދަކުރާ ވަގުތު މަދުވެ، ގޭގައި ހޭދަކުރާ ވަގުތު އިތުރުވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.
މިކަމަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ގޮތުންނާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސްޓެލްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.