ENGLISH
22 ޖެނުއަރީ 2026
ބޮޑުކަންނެލި މަސްވެރިކަން ހިމެނޭހެން މަސްވެރިންނަށް 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
22 ޖެނުއަރީ 2026
|
ދިވެހި މަސްވެރިންތަކެއް
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 28 ދޯންޏަކަށް 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 20 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،423،777.92ރ. (އެއް މިލިއަން ހަތަރު ލައްކަ ތޭވީސް ހާސް ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ / ނުވަދިހަ ދެ ލާރި) އެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 11 ދޯންޏަކަށް 1،258،257.92ރ. (އެއް މިލިއަން ދެ ލައްކަ ފަންސާސް އަށް ހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ / ނުވަދިހަ ދެ ލާރި) ދީފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 19،540ރ. (ނަވާރަ ހާސް ފައްސަތޭކަ ސާޅީސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 12 ދޯންޏަކަށް 145،980ރ. (އެއް ލައްކަ ސާޅީސް ފަސް ހާސް ނުވަ ސަތޭކަ އަށްޑިހަ ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މީގެއިތުރުން، މިދިޔަ ޑިސެންބަރު މަހު ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ކަނޑުއޮތްގިރީގައި މި މަހުގެ ތެރޭގައި ވަނީ ކަޅުބިލަމަހެކޭ އެއްފަދައިން މަސްވެރިން އަތުން 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.