ENGLISH
21 ޖެނުއަރީ 2026
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 96.7 އިންސައްތަ ތައްޔާރުވެއްޖެ، މާދަމާއަށް މަސައްކަތް އެއްކޮށް ނިންމާލެވެނެ
21 ޖެނުއަރީ 2026
|
މިދިޔަ އަހަރު ރޯދަ ހަދިޔާ ދޫކުރުން --
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 96.7 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ "އެމްއެމްޓީވީ"އަށް ވިދާޅުވީ މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 115،078 މަސް ކޭސް މިހާތަނަށް އުފެއްދިއްޖެ ކަމަށާއި ބާކީ އުފައްދަން ޖެހެނީ 3،899 ކޭސް މަސްދަޅުކަމަށެވެ. ބާކީ ހުރި މަސްދަޅު ކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް މާދަމާއަށް ނިންމާލެވޭނެކަމަށް ޝިފްޒާ ވިދާޅުވިއެވެ.
މި އަހަރުގެ ރޯދަ ހަދިޔާއަށް 118،977 މަސް ދަޅު ކޭސް ބަހަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިފްކޯއިން ކުރިން ބުނެފައިވަނީ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް މި މަހުގެ 15 އަށް ނިންމާލެވޭނެކަމަށެވެ. މިކަމާ ގުޅޭގޮތުން ޝިފްޒާ ވިދާޅުވީ މިފްކޯއިން ކުރިން ދިން ތާރީހަށް މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް ނުނިމި ލަސްވީ، މި ދުވަސްވަރު ގައުމީ ބާޒާރުގައި ޑިމާންޑު އިތުރުވާތީ އެ ތަން ފޫބައްދަން ޖެހުމުންކަމަށެވެ.
ނަމަވެސް، މާދަމާގެ ނިޔަލަށް ބާކީ ހުރި މަސް ދަޅު ކޭސްތައް އުފެއްދޭނެ ކަމަށާއި ސަރުކާރުން މަސް ދަޅު ކޭސްތައް ބަހަން ފަށަން ވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޝިފްޒާ ވިދާޅުވިއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.
މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި. އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.
ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާ ގޮތުގައި މަސްދަޅުކޭސް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ރަމަޟާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަން ހާމަކުރައްވައި ކަރަންޓު ބިލުންވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ޑިސްކައުންޓު ލިބޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.