ENGLISH

18 ޖެނުއަރީ 2026

Advertisement

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ، މިހާތަނަށް 639 ޝަކުވާ

18 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އަންނަ އެޕްރީލް ހަތަރެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް މިއަދު މެންދުރު 12:00 ގެ ނިޔަލަށް 639 ޝަކުވާ ލިބިފައިވާ ކަމަަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ލިބިފައި މިވާ ޝަކުވާތަކަކީ، ރަޖިސްޓްރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ކަމަށެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅޭނީ، މިއަދު މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޚައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް، މި ރަޖިސްޓްރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅަން ވާނެކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ. 

ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށާއި ރަޖިސްޓްރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް ކޮމިޝަނުން ބުނެއެވެ. 

ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު