ENGLISH
18 ޖެނުއަރީ 2026
ކައުންސިލް އިންތިހާބު އޮބްޒާވްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2026
|
އިންތިހާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މަސްދުވަހުގެ މުއްދަތެއް ލިބޭނެ//
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުސަތު ހުލުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކަވަރުކުރައްވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ވާކަމަށެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށާއި، އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިންކޮށްދީގެ ނުވާނެ ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް އިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މިއަހަރުގެ އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ އޭޕްރީމަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.
މިފަހަރުގެ އިންތިޚާބުގައި 225 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ އެކު އެއީ 1356 ކެންޑިޑޭޓުންނެވެ.
އިންތިޚާބުގައި އަތޮޅުތަކުގައި 321 ވޯޓު ފޮށި ބަހައްޓާއިރު ސިޓީ ތަކާއި މާލެ ސަރަޙައްދު ހިމެނޭގޮތަށް 240 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި 3 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ. ރިސޯޓުތަކުގައި ބަހައްޓާނީ 50 ވޯޓު ފޮށި ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފައެވެ.
ރާއްޖޭން ބޭރުގައި މިފަހަރު ވޯޓު ފޮށި ބަހައްޓަނީ މެލޭޝިއާ އަދި ސްރީ ލަންކާގަ އެވެ. އެގޮތުން މެލޭޝިއާއިން ކުއަލަލަންޕޫރުގައި ބަހައްޓާއިރު ލަންކާގައި ވޯޓު ފޮށި ބަހައްޓަނީ ކޮލަމްބޯގައެވެ.