ENGLISH

18 ޖެނުއަރީ 2026

Advertisement

އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް މި މަހު ފޮނުވާ ނިމޭނެ: ވަޒީރު ނާޒިމް

18 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް ފޮނުވުމުގެ މަސައްކަތް މި މަހު ނިމޭނެކަމަށް ވުޒާރާއިން މައުލޫމާތުދޭ//

އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެ އެވެ.

ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ސިއްޙީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

""މި ޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު އެއީ ހުވަދު އަތޮޅުގެ. ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށް ދެވޭނެ. ބާކީ އިން 4 އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށް ދެވޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އައުޓްރީޗް ޕްރޮގްރާމްތައް މިގެންގުޅޭ މަސައްކަތައް ލުއިކަން ލިބިގެން ދާނެ. ހާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެން ދާނެ"." - ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޞިއްހީދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ޚިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެޚިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ. މީގެ އިތުރުން މި އުޅަނދުތައް ތައްޔާރުކުރެވިފައިވަނީ އެމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލަން ޖެހިއްޖެ ޙާލަތެއްގައި އެކަމަށް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗުތައް ފޯރުކޮށް ދެވިގެންދާނެއެވެ. އަދި ޖުމްލަކޮށް ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިގޮތުން އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ އެކި ޚިދުމަތްތައް އަވަސްކަމާއެކު އަތޮޅުގެ ރަށްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެހި، ޚާއްޞަ ދާއިރާތަކުގެ ޑޮކްޓަރުން އައުޓްރީޗް ޕްރޮގްރާމްތަކުގެ ދަށުން ރަށްތަކުގައި ބަލިމީހުން ބެލުމުގެ އިންތިޒާމްތައް ފަސޭހައިން ހަމަޖެހިގެން ދާނެކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. ހުރިހާ އަތޮޅަކަށްވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ. 

ކިޔުންތެރިންގެ ހިޔާލު