ENGLISH

18 ޖެނުއަރީ 2026

Advertisement

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިންމައި ދައުރުގެ ތެރޭގައި ޙަވާލުކުރާނަން: މުއްޠަލިބް

18 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ވަޒީރު ޑރ. މުއްޠަލިބް. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މި ދައުރުގައި ނިންމާނެ ކަމުގެ ޔަގީންކަން ދެއްވި

މި ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް ނިންމައި ދައުރުގެ ތެރޭގައި ޙަވާލުކުރައްވާނެކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، މާލޭ ސަރަހައްދުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

"މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ އިން ވަކިކޮށްދީ ގޯތި ހަވާލުކުރާނަން. އަޅުގަނޑުމެން އިއުލާނުކުރާ 7900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ޔުނިޓްތަކުގެ އަދަދު" މުއްޠަލިބް ވިދާޅުވިއެވެ. 

ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭ 11:59 ކަމަށް މުއްޠަލިބް ވިދާޅުވިއެވެ. އަދި، ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 11:59 ނިޔަލަށް ކަމަށް މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި މުއްޠަލިބް ވިދާޅުވިއެވެ. 

"2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމާ ފްލެޓަށް މީހުން ވެއްދިފައެއްނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން" މުއްޠަލިބް ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ އަމާޒަކީ މަސައްކަތް ނިންމައި ހުރިހާ ފްލެޓެއްގައި ވެސް މީހުންނަށް ދިރިއުޅެވޭ ވަރު ކުރުން ކަމަށެވެ. 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގޮތުން ޝާއިޢުކުރެވުނު އުސޫލުތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލެވެ.

ވުޒާރާއިން މިހާރު އުސޫލުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތައް:

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން އެއް ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ ތިން ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން.
  •  ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ދެ ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ ތިން ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން
  • އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް އޮތް ނަމަވެސް، ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން.

ވުޒާރާއިން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު ދެ ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3،000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ރަށްވެހިންގެ ކެޓަގަރީންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.

މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު