ENGLISH
18 ޖެނުއަރީ 2026
އެއް ދަރަޖަ ކުރިއަށް ޖެހިލައި، ސަރަހައްދުގެ ބާރު ގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި
15 ޖެނުއަރީ 2026
|
އިމިގްރޭޝަނުގެ އޮފިސަރަކު ދިވެހި ޕާސްޕޯޓެއް ދޫކުރަނީ. --ފޮޓޯ: މޯލްޑިވްސް ޖާނަލް
އެއް ދަރަޖަ ކުރިއަށް ޖެހިލައި، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ދިފާއުކޮށްފިއެވެ.
މިއީ މި މަގާމު ރާއްޖެއަށް ލިބުނު ހަތް ވަނަ ފަހަރެެވެ.
އަހަރަކު އެއްފަހަރު ޝާއިއުކުރާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި މިއަހަރު ރާއްޖޭގެ ޕާސްޕޯޓު ހިމެނިފައިވަނީ 52 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކް ކުރެވިފައިވަނީ 53 ވަނައިގައެވެ. ވުމާއެކު މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އެއް ދަރަޖައިގެ ކުރިއެރުމެކެވެެ.
ދިވެހި ޕާސްޕޯޓާއެކު މިހާރު 92 ގައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ އޮތީ ރޭކިންގެ 80 ވަނައިގައެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާ ނެތި ދަތުރު ކުރެވެނީ 55 ގައުމަކަށެވެ. ލިސްޓުގެ 93 ވަނައިގައި ލަންކާ އޮތް އިރު ބަންގްލަދޭޝް އޮތީ 95 ވަނައިގައެވެ. އަދި ނޭޕާލް 96 ވަނައިގައި އޮތްއިރު ޕާކިސްތާން އޮތީ 98 ވަނައިގައެވެ. މި ސަރަހައްދުގެ އިތުރުން ލިސްޓުގެ ވެސް އެންމެ ފުލުގައި އޮތީ އަފްޣާނިސްތާނެެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސްގައި މިއަހަރު އެއްވަނައިގައި އޮތީ ސިންގަޕޫރެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާ ނެތި 192 ގައުމަކަށް ދަތުރުކުރެވެއެވެ. ދެވަނައިގައި އޮތް ޖަޕާނާއި ދެކުނު ކޮރެއާގެ ޕާސްޕޯޓުގައި ވިސާ ނެތި 188 ގައުމަކަށް ދަތުރުކުރެވެއެވެ.
ތިންވަނައިގައި ޑެންމާކް، ލަކްސެމްބާގް، ސްޕެއިން، ސްވިޑެން އަދި ސްވިޒަލޭންޑް ރޭންކު ކޮށްފައިވެއެވެ. މި ގައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން 186 ގައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ދިފާއުކުރުމުގެ ފަހަތުގައިވަނީ ރާއްޖެއާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަވުމާއި، ދަތުރު ފަތުރު ކުރުމުގައި ލިބެމުންދާ ލުއި ފަސޭހަތަކެވެ.