ENGLISH
10 އޭޕްރީލު 2025
އެމްނެސްޓީން ބުންޏަސް، އިޒްރޭލުން ނަސްލު ނައްތާލަން އުޅޭ ކަމަށް އެމެރިކާއިން ޤަބޫލެއް ނުކުރި
06 ޑިސެމްބަރު 2024
|
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި މީހެއްގެ އާއިލާ ހިތާމަފާޅުކުރަނީ. --
ހަނގުރާމައިގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމާއަތް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުންޏަސް، އެކަން ޤަބޫލުކުރަން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނަމުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް މުޅި ދުނިޔެ ހޭލަންވެއްޖެ ކަމަށް އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އެ ހޯދުންތައް ބިނާކޮށްފައި ވަނީ، އެމްނެސްޓީން ބުނި ގޮތުގައި، އިޒްރޭލު ސަރުކާރާއި އަސްކަރީ އޮފިޝަލުން ދައްކާފައިވާ އިންސާނިއްޔަތާ ޚިލާފު ވާހަކަތަކާއި ހަމަލާތަކުގައި ދީފައިވާ ގެއްލުންތަކުގެ ސެޓެލައިޓް ފޮޓޯތަކާއި އެ ތަންތަނުން އެއްކުރި މަޢުލޫމާތު އަދި ޣައްޒާގެ އާންމުންގެ ބަޔާންތަކުގެ މައްޗަށެވެ.
"ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަކީ، އިންސާނީ ހައްޤުތަކާއި ކަރާމާތް ނެތް، ދަށު ދަރަޖައިގެ އިންސާނުންގެ ގޮތުގައި އިޒްރޭލުގެ އަމަލުތައް ބަހައްޓައި އަދި އެ ނަސްލު ދުނިޔެއިން ފުހެލުމުގެ ނިޔަތް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުން،" އެމްނެސްޓީގެ ވެރިޔާ އެގްނޭ ކަލަމާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ބިރުވެރި ހޯދުންތަކަކީ މުޅި ދުނިޔެ ނިދިން ހޭލައްވައިލެވޭނެ ފަދަ ހޯދުންތަކެއް. މިއީ ސީދާ ނަސްލެއް ނައްތާލުން. ވަގުތުން ވަގުތަށް މި ކަން ހުއްޓުވަންޖެހޭ."
އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެދާންތު ޕަޓޭލް ވިދާޅުވީ، އެމްނެސްޓީގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަށް އެއްބަސްވެވެން ނެތް ކަމަށެވެ.
"މީގެ ކުރިން ވެސް އަދި މިހާރު ވެސް އަޅުގަނޑުމެން މި ބުނަނީ، ނަސްލު ނައްތާލުމުގެ އަމަލު ހިންގާކަމަށް ބުނެ ކުރާ ތުހުމަތުތަކުގައި ބުރަދަނެއް ނެތޭ،" ޕަޓޭލް ވިދާޅުވިއެވެ.
އެމްނެސްޓީގެ ރިޕޯޓު ޤަބޫލު ނުކުރިޔަސް، އޭނާ ވިދާޅުވި ގޮތުގައި، ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެތަކެއް ހާސް އާންމު ރައްޔިތުން މަރުވުމަކީ، އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ.
އެހެންކަމުން، ހަމާސް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި، ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނުތަކަށް ތަބާވެ، އާންމުން ވީހާވެސް ގެއްލުންތައް ކުޑަވާ ގޮތަށް އަމަލުކުރަން އިޒްރޭލަށް ބާރު އަޅަމުންދާ ކަމަށް ޕަޓޭލް ވިދާޅުވިއެވެ.
ޣައްޒާގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުވެ، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.