ENGLISH
10 އޭޕްރީލު 2025
ސޫރިޔާގެ ސިފައިން ފަހަތަށް ޖެހުމުން، ހަނގުރާމަވެރިން ހަމާ ވެސް ހިފައިފި
06 ޑިސެމްބަރު 2024
|
ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ ހަމާ ވެސް ހިފާފައި. --
ސޫރިޔާގެ ސިފައިން ފަހަތަށް ޖެހުނު ވަގުތު، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް) އިން ހަމާ ސަހަރު ވެސް ހިފައިފިއެވެ.
އެޗްޓީއެސް އިން ހަމާގައި "ކާމިޔާބު" އިޢުލާނުކޮށްފައިމިވަނީ، މިދިޔަ ހަފްތާގައި ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބު ސަރަޙައްދަށް އަތްގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހަމާގައި ކާމިޔާބު އިޢުލާނުކުރުމުގެ ކުރިން، އެޗްޓީއެސްގެ ހަނގުރާމެރިން ވަނީ އެ ސަހަރުގައި ހުރި ޖަލަކަށް ވަދެގަނެ، އެތަނުގައި ތިބި ގައިދީން މިނިވަންކޮށްފައެވެ.
ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅޭ ހަމާ ސަހަރަކީ، އެޗްޓީއެސްގެ އަތްދަށުގައި އޮތް ޙަލަބުގެ ދެކުނުގައި އޮންނަ އާބާދީ ބޮޑު ސަރަޙައްދެކެވެ.
ހަމާ، ހަނގުރާމެރިންގެ އަތްދަށަށް ދިޔުމަކީ ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރުމުގައި ރަޝިޔާގެ އިތުރުން އިރާނުގެ މަދަދު ލިބެއެވެ.
އެކަމަކު މި ވަގުތު އެ ދެ ޤައުމުގެ ވެސް އަމިއްލަ ހަނގުރާމަތަކަށް ސަމާލުކަން އެނބުރިފައިވާތީ، އެޗްޓީއެސްގެ އަތްދަށުން ހަމާ އާއި ޙަލަބު ސަލާމަތް ކުރަން އަސަދަށް ދަތިވާނެއެވެ.
މިއީ، 2020 ވަނަ އަހަރުގެ މާޗް މަހު، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދަށުން ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް ފަހު ދީފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި، މީގެ އަށް ވަރަކަށް ދުވަސް ކުރިން ދޭން ފެށި މި ޙަމަލާތަކުގައި، މިހާތަނަށް 820 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި އާންމުންގެ 111 މީހަކު ހިމެނެއެވެ.
ސޫރިޔާ ސިފައިންނާއި ހަނގުރާމެރިންގެ މެދުގައި ބަދަލުކުރަމުންދާ ވަރުގަދަ ޙަމަލާތަކުގައި، ޙަލަބުގެ ހޮސްޕިޓަލުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މުއާސަލާތީ ޚިދުމަތާއި ކާބޯތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އަސާސީ ޚިދުމަތްތައް ނުލިބި، އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ބިރުވެރި ޙާލަތަކަށް ވެއްޓިފައިވާކަމަށް އދ.އިން ވެސް ވަނީ ބުނެފައެވެ.