ENGLISH
10 އޭޕްރީލު 2025
ޔޫން އަކީ "ނުރައްކަލެއް"، މަޤާމުން ދުރުކުރަންޖެހޭ: ދެކުނު ކޮރެއާގެ ވެރިކަންކުރާ ޕާޓީ
06 ޑިސެމްބަރު 2024
|
ޕީޕަލްސް ޕަވަރ ޕާޓީގެ ލީޑަރު ހާން ޑޮންގް ހޫން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ. --
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަކީ "ނުރައްކަލެއް"ގެ ގޮތުގައި ސިފަކޮށް، ރައީސްކަމުގެ މަޤާމުން ދުރުކުރަންޖެހޭ ކަމަށް، ޔޫން ނިސްބަތްވެވަޑައިގަންނަވާ ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)އިން މިއަދު ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވީ، އުތުރު ކޮރެއާގެ ނުފޫޒު ދެކުނު ކޮރެއާގެ ދަޢުލަތުގެ އެތެރެއަށް ފޯރާފައިވާ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް، ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރެއްހާ އިރުގެ ތެރޭގައި، އެ ނިންމުން ބާތިލުކުރައްވަން ޔޫންއަށް މަޖުބޫރުވީ، ސިފައިން ނުކުމެ ބަންދުކޮށްފައި އޮތް ޤާނޫނު ހަދާ މަޖިލީހަށް، އިދިކޮޅު މެންބަރުން ގަދަކަމުން ވަދެގަނެ، ކުއްލި ޙާލަތު އުވާލަން ފާސްކުރުމުންނެވެ.
ކުއްލި ޙާލަތު އުވާލެއްވިޔަސް، ޔޫންގެ އިސްތިޢުފާއަށް ގޮވާލައި، އާންމުންގެ އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
"މިހާރު ހާމަވަމުންދާ ހަޤީޤަތްތަކަށް ބަލާއިރު، ކޮރެއާގެ ޖުމްހޫރިއްޔާ އާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ރައީސް ޔޫން ސުކް ޔެއޯލް، މަސްޢޫލިއްޔަތުތަކުން އަވަހަށް ދުރުކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" ޕީޕީޕީގެ ލީޑަރު ހާން ޑޮންގް ހޫން މިއަދު ޓީވީތައް މެދުވެރިކުރައްވައި ވިދާޅުވިއެވެ.
"ޔޫން މަޤާމުގައި ހުރެއްޖެނަމަ، ކުއްލި ޙާލަތު އަނެއްކާވެސް އިޢުލާނުކުރުން ފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ފުރުޞަތު ބޮޑު. އަދި މިކަމުން ކޮރެއާގެ ޖުމްހޫރިއްޔަތާއި ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެ."
ހާން ވިދާޅުވީ، ކުއްލި ޙާލަތު އިޢުލާނުކުރީ ގޯސްކޮށް ކަމަށް ޔޫން ޤަބޫލުނުކުރައްވާ ކަމަށާއި، ޤާނޫނާ ޚިލާފަށް އަމަލުކުރި ސިފައިންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ދެކޮޅު ހައްދަވަމުންދާ ކަމަށެވެ.
އަދި ކުއްލި ޙާލަތު އިއުލާނުކުރައްވައި، ދެކުނު ކޮރެއާގެ ސިޔާސީ އިސް ލީޑަރުން ހައްޔަރުކުރަން ޔޫން މަސައްކަތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ މިއަދު ހާމަކުރެއްވިއެވެ.
ހާން އާއި ޕީޕީޕީގެ ރާގު ކުއްލި ގޮތަކަށް ބަދަލުވެފައިމިވަނީ، ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާޢީދުނުކުރާނެ ކަމަށް އިއްޔެ ބުނެފައިވަނިކޮށެވެ.
ދެކުނު ކޮރެއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އިދިކޮޅު ފަރާތްތަކަށް ލިބިފައި އޮތަސް، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކާމިޔާބުކުރަން ބޭނުންވާ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ހޯދަން، ޕީޕީޕީގެ އެހީތެރިކަން ބޭނުންވެއެވެ.
މިގޮތުން، 300 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ 192 މެންބަރުން ތިބިއިރު، ޕީޕީޕީގައި ތިބީ 108 މެންބަރުންނެވެ.
ޔޫން އާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ވޯޓަށް އަހަން ތާވަލުކޮށްފައިވާއިރު، އެ މައްސަލަ ފާސްވެއްޖެނަމަ، ދުސްތޫރީ ކޯޓުން ގޮތެއް ނިންމަންދެން ޔޫން ސަސްޕެންޑު ކުރެވޭނެއެވެ. އަދި އެ މައްސަލައަށް ކޯޓުން ވެސް ތާއީދުކޮށްފި ނަމަ، ޔޫންއަށް މަޤާމު ގެއްލި، 60 ދުވަސް ތެރޭގައި އާ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން، ޤައުމުގައި ފިތުނަ އުފައްދައި އަމަން ނަގާލުމުގެ މައްސަލައެއް ޔޫން އާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ފުލުހުން ތަހުޤީގު ކުރަމުން އަންނަ އިރު، އެއީ ރައީސުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒްތަކުގެ ބޭރުން، މަރުގެ އަދަބު އަންނަ ވަރުގެ ކުށެކެވެ.