ENGLISH

13 ޖެނުއަރީ 2026

Advertisement

ރާއްޖެ ސުޕަ ލީގު 2026: ލ. ގަން ބަލިކޮށް، ލ. މާބައިދޫން ޗެމްޕިއަންކަން ހޯދައިފި

13 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލ. މާބައިދޫ ޓީމުން ޓްރޮފީއާއެކު. ފޮޓޯ: ވީއޭއެމް

ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ލ. ގަން ބަލިކޮށް، އެ އަތޮޅު މާބައިދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ގަން އަތުން މާބައިދޫ މޮޅުވީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ގަމުން 25-21 އިން ކުރިހޯދާފައިވަނިކޮށް، މާބައިދޫން ވަނީ ދެން ޖެހިގެންއައި ސެޓު 25-17 ކާމިޔާބުކޮށްފައެވެ. އެއަށްފަހު، އަނެއްކާވެސް ދެން ކުޅެވުނު ސެޓު ގަމުން 25-20 އިން ގެންދިޔަ އެވެ.

ނަމަވެސް، ދެން ޖެހިގެންއައި ދެ ސެޓު 26-24 އާއި 15-10 އިން ކާމިޔާބުކޮށް، މާބައިދޫން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.

މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު، ކ. ހުރާ ވަނީ 3-2 ސެޓުން ށ. ފުނަދޫ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު 26-24، އާއި 25-23 އިން ހުރާ ގެންގޮސްފައިވަނިކޮށް، ފުނަދޫން ދެން ޖެހިގެންއައި ދެ ސެޓުގައި 25-16 އާއި 25-22 އިން ކުރިހޯދައި، ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް، ދެން ޖެހިގެންއައި ފަސްވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހުރާ ވަނީ 15-13 އިން ކާމިޔާބުކޮށް، ތިންވަނަ މަގާމް ހާސިލްކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރި އަށް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ޕޫލް އޭ ގައި ހިމެނެނީ؛ ލ. ގަމާއި، ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި މާލެ ސިޓީ އެވެ. ޕޫލް ބީގައި ހިމެނެނީ؛ ލ. މާބައިދޫ ކ. ހުރާ، ދ. މާއެނބޫދޫ އާއި އައްޑޫ ސިޓީ އެވެ.

މުބާރާތުގެ ފަހުރުވެރި ވަނަތައް:

އެމްވީޕީ: ޖޫޒާން ޒަރީރު (ލ. މާބައިދޫ)

ބެސްޓް އައުޓްސައިޑް ހިޓާ: އާމިނަތު އަރީޝާ (ލ. މާބައިދޫ)

ބެސްޓް އައުޓްސައިޑް ހިޓާ: އާމިނަތު ޝަހާ ޝާމިން (ށ. ފުނަދޫ)

ބެސްޓް މިޑްލްބްލޮކަރ: އާމިނަތު މާނާ ނާޒިމް (ލ. މާބައިދޫ)

ބެސްޓް މިޑްލްބްލޮކަރ: ހައްވާ ނާޒިމާ (ލ. ގަން)

ބެސްޓް ސެޓަރ: ޖޫޒާން ޒަރީރު (ލ. މާބައިދޫ)

ބެސްޓް އޮޕޮސިޓް ޕްލެއަރ: ހައްވާ ރާޝިދާ (ލ. ގަން)

ބެސްޓް ލިބެރޯ: މާސާ ފާރޫޤު (ކ. ހުރާ)

ބެސްޓް ކޯޗު: އަހުމަދު އަދީލް (ލ. މާބައިދޫ)

އެމްވީޕީ (ފޮރިންގ ޕްލެއާ): މިންކްވާން މިސް ވިޕާޑާ (ލ. ގަން)

21 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިޔާ: އައިޝަތު ޔުމްނު ޝާހިދު (ކ. ހުރާ)

ކިޔުންތެރިންގެ ހިޔާލު