ENGLISH
11 ޖެނުއަރީ 2026
ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުން އަނެއްކާވެސް އެދިއްޖެ
11 ޖެނުއަރީ 2026
|
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ވެހިކަލެއް ޓޯ ކުރަނީ --
ޕާކްކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.
އަދި ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އާންމު ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ދަތިވާ ގޮތަށް (ގަވާއިދާ ޚިލާފަށް) ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުން ގެންދާނެ އެވެ.
އަދި ވަކިން ޚާއްސަކޮށް ކަފީހުރަސްމަތި، ގޯޅި ކަންމަތި، ދެ ރޮނގު ދަމާފައި ހުންނަ ސަރަޙައްދު، އޮފީސްތަކާއި މަދަރުސާތަކާއި މިސްކިތްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޭޓް ކުރިމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރުމަށް އިސްކަން ދޭނެ ކަމަށް ޓްރެފިކް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ދާދި ފަހުން ހާމަކޮށްފަ އެވެ.