ENGLISH
11 ޖެނުއަރީ 2026
ނަމާދަށް އިހުމާލުވެއްޖެނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ: ހުކުރު ޚުޠުބާ
09 ޖެނުއަރީ 2026
|
ނަމާދުގެ މަތިވެރި ވާޖިބަށް ތިބާގެ ދަރިން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަންޖެހޭ ކަމަށާއި، އެ ކަމުގައި އިހުމާލުވެއްޖެނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މާތް ﷲގެ އެއްކައުވަންތަކަމަށް އީމާންވެ، ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަކީ، ކީރިތި ޤުރުއާނުގައި ބަޔާންކުރާ މަޤުޞަދު އެންމެ ބޮޑަށް ހާސިލުކޮށްދޭކަންތައް ކަމަށެވެ. އެ ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަން ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ދަރީންނަކީ މާތް ﷲ ތިބާއަށް ދެއްވި ވަރަށްބޮޑު ނިޢުމަތެއް ކަމަށާއި، އަދި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.
"ތިބާގެ ދަރީން މި މަތިވެރި ވާޖިބަށާއި ފިރިހެންދަރީން މިސްކިތުގައި ނަމާދު ޤާއިމުކުރުމަށް ލޯބިޖެއްސުމަށް ޓަކައި އެ ކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެ ކުދީންގެ ހިތްތަކުގައި މި ކަމަށް ލޯބިޖައްސުވާށެވެ! ޤިޔާމަތްދުވަހު މީސްތަކުންނާ އިރު ނުހަނު ކައިރިކުރެވޭނޭކަމާއި، އެ ދުވަހުގެ ގަދަ ހޫނުން މީސްތަކުންގެ ގައިން އޮހޮރޭ ދަލުން، ބިންގަނޑުގައި ކޯރުހެދި އެ މީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އޭގެތެރެޔަށް ގެނބި އެއް ބަޔަކު އޭގެ ތެރޭގައި ޣަރަޤުވާނޭކަމަށް ނަބަވީ އިރުޝާދުތަކުން އެނގޭން އެބަހުއްޓެވެ." ޚުޠުބާގައި ބުންޏެވެ.
ހިތާމައަކީ މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަމަށާއި، ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲއަށް ބިރުވެތިވެ ޚަބަރުދާރުވުމަށް ވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އަހަރެމެން ވޭތުކުރަމުން މިދާ މައްސަރަކީ އަހަރެމެން އެންމެން އެކީ އެކައްޗަކަށް ތަޢުބާވެ މާތް ﷲގެ މަގަށް ރުޖޫޢަވުމަށް ރަނުގެ ފުރުޞަތެއްކަމަށާއި، މިއީ މާތް ﷲ މާތްކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ރަޖަބުމަސްކަން ހަނދާންކޮށްދީފައެވެ.
ޚުޠުބާގައި ބުނީ، ސަވާބާއި ދަރުމަ ހޯދުމަށްޓަކައި މި މަހުގައި ހެޔޮކަންތައްތައް އިތުރުކޮށް، ނުބައިކަންތަކުން ދުރުވެގަތުމަށާއި، މި މަހުގެ ވަކި ދުވަހެއްގައި ޚާއްޞަ ރޯދައެއް ނުވަތަ ޚާއްޞަ ނަމާދެއްކުރުމެއް ނެތް ކަމަށެވެ.