ENGLISH
09 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 1262 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި
08 ޖެނުއަރީ 2026
|
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތައް --
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 1،262 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގްރީމަންޓުތަކުގައި ސޮއިކޮށް، ޑިޕޮޒިޓް ދައްކާފައިވާ އެންމެންނަށް މިހާރު އެޕާޓްމަންޓުގެ ތަޅުދަނޑި ލިބޭނެ ތާރީހު އެ ކުންފުނީގެ ފަހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް 2،349 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރަން ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެތެރެއިން 1،262 މީހަކަށް މިހާރު ތަޅުދަނޑި ހަވާލުކޮށް ނިމިފައިވާކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީން އަމާޒު ހިފާފައިވަނީ އެންމެ ލަސްވެގެން މިހިނގާ ޖަނަވަރީ މަހުގެ 25 ގެ ކުރިން 4،000 ހައުސިން ޔުނިޓްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށް ނިންމުމަށެވެ.
ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ތާވަލުކޮށް މެސެޖު ލިބިފައިވާ މީހުންނަށް، ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެފުރުސަތު ވެސް އެ ކުންފުނިން ވަނީ ހުޅުވާލާފަ އެެވެ. އެގޮތުން އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލުކުރާނެ އެވެ.
ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ދެ ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ހަތަރު ހާސް ފްލެޓް ނިންމުމަށް އެމްޑީޕީ ސަރުކާރުގައި ނެގި ބޮޑު ލޯނާއެކުގައި ވެސް އެ ސަރުކާރު ނިމިގެންދިޔައިރު އެ މަޝްރޫއުން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތެވެ. އައު ސަރުކާރު ވެރިކަމާ ހަވާލުވެ މަޝްރޫއުގެ ބާކީ 68 އިންސައްތަ މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތަކެވެ.
އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކުރީ ވެސް މި ސަރުކާރުންނެވެ.