ENGLISH
10 އޭޕްރީލު 2025
އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަމުންދާ ކަމަށް އެމްނެސްޓީން ބުނެފި
05 ޑިސެމްބަރު 2024
|
އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ޒަޚަމްވި އަންހެނަކު ސަލާމަތްކޮށްގެން ގެންދަނީ. --ފޮޓޯ: އޭއެފްޕީ
ހަނގުރާމައިގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމާއަތް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނަމުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް މުޅި ދުނިޔެ ހޭލަންވެއްޖެ ކަމަށް އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އެ ހޯދުންތައް ބިނާކޮށްފައި ވަނީ، އެމްނެސްޓީން ބުނި ގޮތުގައި، އިޒްރޭލު ސަރުކާރާއި އަސްކަރީ އޮފިޝަލުން ދައްކާފައިވާ އިންސާނިއްޔަތާ ޚިލާފު ވާހަކަތަކާއި ހަމަލާތަކުގައި ދީފައިވާ ގެއްލުންތަކުގެ ސެޓެލައިޓް ފޮޓޯތަކާއި އެ ތަންތަނުން އެއްކުރި މަޢުލޫމާތު އަދި ޣައްޒާގެ އާންމުންގެ ބަޔާންތަކުގެ މައްޗަށެވެ.
"ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަކީ، އިންސާނީ ހައްޤުތަކާއި ކަރާމާތް ނެތް، ދަށު ދަރަޖައިގެ އިންސާނުންގެ ގޮތުގައި އިޒްރޭލުގެ އަމަލުތައް ބަހައްޓައި އަދި އެ ނަސްލު ދުނިޔެއިން ފުހެލުމުގެ ނިޔަތް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުން،" އެމްނެސްޓީގެ ވެރިޔާ އެގްނޭ ކަލަމާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ބިރުވެރި ހޯދުންތަކަކީ މުޅި ދުނިޔެ ނިދިން ހޭލައްވައިލެވޭނެ ފަދަ ހޯދުންތަކެއް. މިއީ ސީދާ ނަސްލެއް ނައްތާލުން. ވަގުތުން ވަގުތަށް މި ކަން ހުއްޓުވަންޖެހޭ."
ޣައްޒާގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުވެ، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ޣައްޒާގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ހަމަލާދީފައި. --ފޮޓޯ: އޭއެފްޕީ
ކަލަމާ ވިދާޅުވީ، މި ހަނގުރާމައިގައި އިޒްރޭލުގެ އަސްކަރީ މަޤްސަދެއް އޮތުމަކީ، ނަސްލު ނައްތާލުމުގެ ނިޔަތެއް ނެތް ކަމަށް ދެކޭނެ ހުއްޖަތެއް ނޫން ކަމަށެވެ.
އެމްނެސްޓީން ނެރުނު 300 ސަފުހާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ހަމާސްގެ ހަނގުރާމެރިން ނެތް ކަން ކަނޑައެޅިގެން އެނގިތިބެ ވެސް، އިޒްރޭލުން ވަނީ އާންމުން ދިރިއުޅޭ ތަންތަނާއި އަސާސީ ޚިދުމަތް ދޭ މަރުކަޒުތަކަށް އަމާޒުކޮށް، އެކަށީގެންނުވާ ވަރުގެ ހަމަލާތައް ދީފައެވެ.
އެފަދަ ސުންނާފަތިވާ ފަދަ ބަރު ހަތިޔާރު ބޭނުންކޮށް، ޣައްޒާގައި ދިރިއުޅޭ 2.4 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވައްދަން ހުރަސްއަޅަމުންދަނީ، އެ މީހުން ބަނޑަށް ޖައްސައި، މަޑުމަޑުން މަރާލުމުގެ ނިޔަތުގައި ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
"އިސްރޭލުގެ އިސްތިއުމާރާއި، އެޕާޓްހައިޑް އަދި ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވަން ކުރެވޭނެ ކަމެއް ނެތް ކަމަށް [އިޒްރޭލަށް ވާގިވެރިވާ] ސަރުކާރުތަކުން ދައްކައިގެން ތިބޭ ތިބުން، ހުއްޓާލަން ޖެހޭ،" ކަލަމާ ވިދާޅުވިއެވެ.
"އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކަށް، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުއާހަދާއިން ލާޒިމްކޮށްފައިވާ ކަންކަމާ ޚިލާފުވާތީ، އެ އަމަލުގައި ސީދާ ބައިވެރިވިކަމަށް ބެލޭނެ ފުރުސަތު އެބަ އޮތް."