ENGLISH

07 ޖެނުއަރީ 2026

Advertisement

ވިޔަފާރި ތަރައްގީކުރަން އެސްއެމްއީ ޑިޖިޓަލްއިން އައު ލޯނު ސްކީމެއް!

04 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް މި ލޯނު ސްކީމްގެ ދަށުން ލުޔެއް ލިބިގެންދާނެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

މި ފައިނޭންސިންގެ މަގުސަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފައިނޭންސިންގެ ސަބަބުން ވިޔާފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ވެސް ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެއެވެ.

މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދެއެވެ.  އަދި ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މާލީ ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

"މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަށް އޮތް މަރުހަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަދި މީގެ ހެޔޮ އަސަރު މުޅި އިގްތިސާދަށް ކުރާނެ ކަމަށް ލަފާކުރެވޭ." - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން

މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު