ENGLISH
10 އޭޕްރީލު 2025
ފްރާންސްގެ ބޮޑުވަޒީރު މަޤާމުން ދުރުކުރުމުން، ރައީސް މެކްރޮން އަށް ސިޔާސީ ބޮލުގެ ރިހުމެއް
05 ޑިސެމްބަރު 2024
|
ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއޭ. --ފޮޓޯ: ގޫގްލް
ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ދުރުކުރުމުން، ސިޔާސީ ހަމަނުޖެހުމަކަށް ޤައުމު ވެއްޓުނަ ނުދޭން، ރައީސް އެމެނުއަލް މެކްރޮން އަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.
ބާނިއޭ އާ މެދު، އިދިކޮޅު ޕާޓީން ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ކޯޅުން ބޮޑުވެ، އިޖުތިމާއީ ޚިދުމަތްތަކުގެ ބަޖެޓު ޕާލިމަންޓުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.
ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުން ބާނިއޭ އާ ދެކޮޅަށް ވައަތު ފިޔައިގެ އިދިކޮޅު ޕާޓީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ ފާސްކުރީ، ކަނާތު ފިޔައިގެ މެންބަރުންގެ ވެސް ތާއީދާ އެކު އެވެ.
މިގޮތުން، ބާނިއޭ މަޤާމުން ދުރުކުރަން، ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 577 މެންބަރުންގެ ތެރެއިން 331 މެންބަރަކު ތާއީދުކުރެއްވިއެވެ.
އިތުބާރުނެތް ކަމުގެ މައްސަލަ ފާސްވުމުން، މިއަދުގެ ވަގުތެއްގައި ބާނިއޭގެ އިސްތިއުފާ ސިޓީ، މެކްރޮން އަށް އަރުވާނެކަމަށް ބެލެވެއެވެ.
ފްރާންސްގެ ރައީސް މެކްރޮން. --ފޮޓޯ: އޭއެފްޕީ
ބަޖެޓު މެދު ކޯޅުން އުފެދުމުގެ ކުރިން ވެސް، ބާނިއޭގެ ސަރުކާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ފްރާންސްގެ ސިޔާސީ މައިދާނަށް ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީ އަތްގަދަކުރުން ހުއްޓުވުމަށް، މެކްރޮން މީގެ ތިން މަސް ކުރިން ގޮވާލެއްވި އަވަސް އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަނަކަށް ވެސް މެޖޯރިޓީ ލިބިފައެއް ނުވެ އެވެ.
އޭގެ ސަބަބުން، މެކްރޮންއަށް ބޮޑުވަޒީރުކަމަށް ދެން އައްޔަނުކުރާނެ ބޭފުޅުންގެ ލިސްޓު ވަރަށް ކުރުކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މެކްރޮން 2017 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިއީ އާ ބޮޑުވަޒީރަކު އައްޔަނުކުރާ ހަ ވަނަ ފަހަރެވެ.
ރައީސްކަމުގެ ދައުރު ހަމަވާން ބާކީ ދެ އަހަރު އޮތް އިރު، މެކްރޮންގެ އިސްތިޢުފާއަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެކަމަކު މަޤާމުން އިސްތިޢުފާ ނުދެއްވާނެ ކަމަށް މެކްރޮން ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.
ބާނިއޭގެ ސަރުކާރަކީ، 1958 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްރާންސްގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރި ސަރުކާރެވެ.