ENGLISH
07 ޖެނުއަރީ 2026
އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންއިން ބަންގުލަދޭޝަށް ދަތުރު ފަށަނީ
03 ޖެނުއަރީ 2026
|
ގައުމީ އެއާލަައިންގެ މަތިންދާބޯޓެއްް، ދާކާއަށް ދަތުރުތައް ފަށަނީ މާރިޗު މަހުގައި، ފޮޓޯ: މޯލްޑިވިއަން
ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގުލަދޭޝަށް ސީދާ ދަތުރުތައް ފަށަން ނިންމައި، އަންނަ މާރިޗު މަހުގެ 12 ވަނަަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާނެކަން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ބުނި ގޮތުގައި ބަންގުލަދޭޝަށް އަލުން ދަތުރުކުރަން ފެށީ، ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝް މީހުންނާއި، ދިވެހިންގެ ފަރާތުން ބަންގުލަދޭޝަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި މި ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ބަންގުލަދޭޝްގެ މެދުގައި އޮތް ވައިގެދަތުރުފަތުރުގެ ގުޅުން އިތުރުކުރުން ކަމަށެވެ.
ގައުމީ އެއާލައިންއިން ރާވާފައިވަނީ ކޮންމެ ހަފުތާއެއްގައި ބުރާސްފަތި އަދި އާދީއްތަ ދުވަހުގައި ދަތުރުކުރާ ގޮތަށެވެ. ދަތުރުތަކުގެ ވަގުތު ރާވާފައިވަނީ ފަތިހުގެ ވަގުތުގައި ޑާކާއަށް ފޯރާ ގޮތަށެވެ. މޯލްޑިވިއަންއިން ބުނެފައިވަނީ މިގޮތަށް ދަތުރު ރާވާފައިވަނީ ދާކާއިން އެހެން މަންޒިލުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވް ފުލައިޓު ހޯދުމަށް ފަސޭހަވާނެތީ ކަމަށެވެ.
މޯލްޑިވިއަންއިން މިހާރުވަނީ ފުލައިޓުތަކުގެ ޓިކެޓު ވިއްކަން ފަށާފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި ދަތުރުތައް ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަށްވާތީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި، އަމިއްލަ ގައުމަށް އަނބުރާ ދާން ބޭނުންވާ ބަންގުލަދޭޝް މީހުންނަށްވެސް މި ދަތުރުތަކުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
އެ އެއާލައިނުން ބުނެފައިވާ ގޮތުން މާލެއާއި ބަންގުލަދޭޝް މެދުގައި ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. އަދި ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްއިން ކާގޯ ގެންދެވޭނެއެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބަންގުލަދޭޝް މީހުން ދިރިއުޅޭއިރު، އެގައުމުގެ ވެރިރަށް ދާކާއަކީ ވިޔަފާރި ބޭނުންތަކުގައި ދިވެހިންވެސް ދަތުރުކުރާ މަންޒިލެކެވެ. އަދި އެ ގައުމުގައި ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެއެވެ.