ENGLISH
07 ޖެނުއަރީ 2026
ނިމުނު އަހަރު ފަތުރުވެރިކަމަށް އަލަށް 4،227 އެނދު ނެރެފި
03 ޖެނުއަރީ 2026
|
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: މިހާރު
ނިމިގެންދިޔަ 2025 ވަނަ އަހަރު ފަތުރުވެރިކަމަށް އަލަށް 4،000 އަށް ވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފި އެވެ.
ވުޒާރާގެ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދަކީ 63،248 އެވެ. މިއަދަދު 2025 ވަނަ އަހަރު ނިމުނު އިރު ހުރީ 67،475 ގައެވެެ. ވުމާއެކު މިއީ 4،227 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރުނު އެނދުގެ އަދަދަށް ބަލާއިރު މީގެ ތެރެއިން އެންމެ ގިނައިން އެނދު ނެރެފައިވަނީ ރިސޯޓުތަކުންނެވެ. ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު ވަނީ 42,547އިން 44,697އަށް އަރާފައެވެ. މިއީ 2،150 އެނދުގެ އިތުރުވުމެކެވެ.
އަދި މުޅިން އަލަށް 44 ގެސްޓްހައުސްއަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުނު 1،203 އެނދާއެކު ގެސްޓްހައުސް ވިޔަފާރިތަކުން ފަތުރުވެރިކަމަށް ނެރުނު ޖުމްލަ އެނދުގެ އަދަދު 15,621އިން، 16,824އަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން އަހަރު ނިމުނުއިރު 167 ސަފާރީއަކުން 3,322 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، 16 ހޮޓަލަކުން 2,598 އެނދުވެސް ފަތުރުވެރިކަމަށް ނެރެފައިވެއެވެ.
ނިމިދިޔަ އަހަރު އަލަށް ހުޅުވި 6 ރިސޯޓާއެކު މިހާރު ރާއްޖޭގައި 178 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.
ނިމިގެންދިޔަ 2025 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 2،240،711 (ދެމިލިއަން ދެލައްކަ ސާޅިސް ހާސް ހަތް ސަތޭކަ އެގާރަ) އަށް އަރައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ 2،040،706 (ދެ މިލިއަން ސާޅީސް ހާސް ހަތް ސަތޭކަ ހަ) ފަތުރުވެރިންނެވެ.
އަދި 2025 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ (ޓްރެވަލް ރިސޯޓްސް) ގެ މިންވަރު ރެކޯޑު އަދަދަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ނިމުނު ޓްރެވަލް ރިސީޓްސްގެ ގޮތުގައި ރާއްޖެއަށްވަނީ 5.4 ބިލިއަން އެމެރިކާ ޑޮލަރު ވަދެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރު އަދަދެކެވެ.