ENGLISH
10 އޭޕްރީލު 2025
ކުއްލި ޙާލަތު ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރިޔަސް، އިތުބާރު ނެތް ކަމުގެ މައްސަލައާ ޔޫންގެ ޕާޓީ ދެކޮޅު
05 ޑިސެމްބަރު 2024
|
ދެކުނު ކޮރެއާގެ ރައީސް ޔޫންގެ އިސްތިއުފާއަށް ގޮވާލައި، އާންމުން ދަނީ މުޒާހަރާ ކުރަމުން. --ފޮޓޯ: ގޫގްލް
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިޢުލާނު ކުރެއްވި މައްސަލާގައި، އެ ޤަޢުމުގެ ރައީސް ޔޫން ސުކް ޔެއޯލް މަޤާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ކުރަމުންދާ މަސައްކަތާ ދެކޮޅަށް ވެރިކަން ކުރާ ޕާޓީން ތެދުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވީ، އުތުރު ކޮރެއާގެ ނުފޫޒު ދެކުނު ކޮރެއާގެ ދަޢުލަތުގެ އެތެރެއަށް ފޯރާފައިވާ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް ވިދާޅުވެއެވެ.
ކުއްލި ޙާލަތު އިޢުލާނު ކުރުމާ އެކު، ސިފައިން ނުކުމެ ޤާނޫނު ހަދާ މަޖިލިސް ބަންދުކޮށްފައި އޮއްވައި، ސަރުކާރާ ދެކޮޅު މެންބަރުން ވަނީ ގަދަކަމުން މަޖިލީހަށް ވަދެ، ކުއްލި ޙާލަތު އުވާލަން ފާސްކޮށްފައެވެ.
ދެކުނު ކޮރެއާގެ ޤާނޫނުއަސާސީގެ ދަށުން، މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ކުއްލި ހާލަތު އުވާލަން ރައީސަށް މަޖުބޫރެވެ.
ޤާނޫނު ހަދާ މަޖިލީހުގެ އެ ނިންމުމާ އެކު، ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އުވާލެއްވިކަން އިޢުލާނު ކުރައްވައި، ސިފައިން ފަހަތަށް ޖެހެން އަންގަވައިފައެވެ.
ކުއްލި ޙާލަތު އުވާލެއްވިޔަސް، ޔޫން މަޤާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ކުރަމުންނެވެ.
ދެކުނު ކޮރެއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އިދިކޮޅު ފަރާތްތަކަށް ލިބިފައި އޮތަސް، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކާމިޔާބުކުރަން ބޭނުންވާ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ހޯދަން، ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ އެހީތެރިކަން ބޭނުންވެއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫންގެ އިސްތިއުފާއަށް ގޮވާލައި، އާންމުން ދަނީ މުޒާހަރާ ކުރަމުން. --ފޮޓޯ: އޭއެފްޕީ
އެކަމަކު، ޕީޕީޕީގެ ލީޑަރު ހާން ޑޮންގް ހޫން ވިދާޅުވީ، "ޤާނޫނު އަސާސީ އާ ޚިލާފަށް" ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ޕާޓީން އިސްތިޢުފާ ދެއްވަން ޔޫން އަށް އަންގަވާފައި ވިޔަސް، އިތުބާރު ނެތް ކަމުގެ ޤަރާރަށް ޕާޓީން ތާއީދެއް ނުކުރާނެ ކަމަށެވެ.
"ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާ ދެކޮޅަށް ވޯޓު ދޭން، ޕީޕަލް ޕަވަރ ޕާޓީގެ 108 މެންބަރުން ތިބީ ތައްޔާރަށް،" ޕީޕީޕީގެ އިސް މެންބަރަކު ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވެއްޖެ ނަމަ، ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން ގޮތެއް ނިންމަންދެން ޔޫން ސަސްޕެންޑު ކުރެވޭނެއެވެ. އަދި އެ މައްސަލައަށް ކޯޓުން ވެސް ތާއީދުކޮށްފި ނަމަ، ޔޫންއަށް މަޤާމު ގެއްލި، 60 ދުވަސް ތެރޭގައި އާ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން، ޤައުމުގައި ފިތުނަ އުފައްދައި އަމަން ނަގާލުމުގެ މައްސަލައެއް ޔޫން އާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ފުލުހުން ތަހުޤީގު ކުރަމުން އަންނަ އިރު، އެއީ ރައީސުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒްތަކުގެ ބޭރުން، މަރުގެ އަދަބު އަންނަ ވަރުގެ ކުށެކެވެ.