ENGLISH

01 ޖެނުއަރީ 2026

Advertisement

ހުއްދަ ނެތި ވީއައިއޭގައި ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ: އެމްއޭސީއެލް

01 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް

އެ ކުންފުނީގެ ހުއްދަ ހޯދުމެއް ނެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައި އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. 

މިއަދު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއައިއޭގައި ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ދިނުމާއި، އެހެނިހެން ވިޔަފާރިކުރުމުގެ ހުއްދަތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ދޫކުރާނީ އެމްއޭސީއެލްއިން ކަމަށެވެ. 

"މި އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަނާކަމެއް،" އެއާޕޯޓުގައި ވިޔަފާރިކުރުމާމެދު އެމްއޭސީއެލްއިން ގެންގުޅޭ މިންގަނޑު ސާފުކޮށްދެމުން ބަޔާނުގައި ބުނެފައިވެއެވެ. 

ދަތުރުވެރިންނަށް ސިމް ދޫކުރުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ހިދުމަތްތައް އެއާޕޯޓުގައި ފޯރުކޮށްދެވޭނީ އެފަދަ ވިޔަފާރިކުރުމުގެ ލައިސެންސް ލިބިފައިވާ، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއޭސީއެލްއާއެކު އެއްބަސްވުން ހަދާފައިވާ ކުންފުނިތަކާއި ވިޔަފާރިތަކަށް އެކަނި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

އޭގެ އިތުރަށް އެމްއޭސީއެލްއިން ބުނެފައިވަނީ އެ ކުންފުންޏާއެކު ގާއިމުކުރެވޭ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގައި ހިދުމަތެއް ދީ، ވިޔަފާރިއެއް ކުރާނަމަ، އެކަން ކުރަންޖެހޭނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަަ ޖާގައިގެ ކައުންޓަރާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަަށެވެ. އެތަންތަނުގައި ހިދުމަތްދޭ މީހުން ތިބެންވާނީ ހިދުމަތް ދޭ ކުންފުނީގެ ޔުނިފޯމު ލައިގެން، ނުވަތަ ފާހަގަވާނެ ފާސް ހިފައިގެން ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކުރާ ޖާގައާއި ވަސީލަތްތަކުގެ ބޭރުން، ނުވަތަަ އެއްބަސްވުމުގައި ހުއްދަ ދީފައިވާ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެފަދަ އެއްބަސްވުން ގާއިމުކޮށްފައިވާ ވިޔަފާރިތަކަށްވެސް މަނާ ކަމެއް ކަމުގައި އެމްއޭސީއެލްއިން ބުނެފައިވެއެވެ. 

އެ ކުންފުނިން އިތުރަށް ބުނީ ފަތުރުވެރިން ހިމެނޭ ގޮތަށް އެއާޕޯޓު ބޭނުންކުރާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންގަނޑެއްގައި ދެމެހެއްޓުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ. 

އެހެންކަމުން ހުއްދަ ނެތި އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ ސަލާމަތީ މުއައްސސާތަަކާއެކު އެފަދަ ފަރާތަކާމެދު ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅުއެޅޭނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެފަދަ ފިޔަވަޅަކާ ގުޅިގެން އެފަރާތަކަށް ލިބޭ ވިޔަފާރީގެ އެއްވެސް ގެއްލުމަކަަށް އެމްއޭސީއެލްއިން ޒިންމާނުވާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު