ENGLISH
01 ޖެނުއަރީ 2026
ޑިއުޓީ މައާފުކޮށްގެން ގެންނަ އުޅަނދު ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ
01 ޖެނުއަރީ 2026
|
މާލޭ ވިޔަފާރި ބަނދަރު. ފޮޓޯ: އެމްޕީއެލް
އެކި އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް، ދިވެހިރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް އުސޫލާ ހިލާފަށް ބޭނުންކުރާނަމަ އެކަމަށް ފިޔަވަޅު އަޅާ، ޑިއުޓީ ނަގާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެކި އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް، ދިވެހިރާއްޖެ އަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫއު ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ ގަވާއިދާ ހިލާފަށް އުޅަނދު ބޭނުންކުރަމުންދާ ކަމަށެވެ.
އެކަން އެގޮތަށް ކަންކުރަމުންދާނަމަ، އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، އެ ފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ބަދަލު ގެނެސްފައި މިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ، އެކި އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށްދޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައްދަލުވުމުގައި ވިޔަފާރިވެރިންނާ މުހާތަބުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމަށެވެ. އަދި ގާނޫނާއި އުސޫލުތައް ބަދަލުކޮށްގެން ވެސް ގެނެސްދެވެން އޮތް ހައްލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްެވި އެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.