ENGLISH

31 ޑިސެމްބަރު 2025

Advertisement

ބިދޭސީންގެ ދާއިމީ ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާނަމަ، ސައިޓްތައް ސަސްޕެންޑް ކުރަނީ

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ބިދޭސީންއަށް ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުން--ފޮޓޯ:މިހާރު

ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގާނޫނުގެ ދަށުން،ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމުތަށް ހުށަނާޅާ ނަމަ، އެ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ބުނެފި އެވެ.

އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މައުލޫމާތުތައް އަދާހަމަ ކުރުމުގެ ގޮތުން ، ޖަނަވަރީ 31، 2026 ގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އާއި އިޤުރާރު ރަޖިސްޓްރީކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަމަށެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން އަންނަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދާއިމީ ކޯޓާ އާއި ޕްރޮޖެކްޓް ކޯޓާ ދޫކުރަމުންނެވެ. ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް މިހާރު މިނިސްޓްރީން ބަދަލުގެނެސްފައިވާކަން އެމިނިސްޓްރީއިން ވަނީ ހާމަކޮށްފަ އެވެ.

ދާއިމީ ކޯޓާ ދޫކުރާ މަސައްކަތަށް ޖަނަވަރީ 01، 2026 ފެށިގެން ވަރކް ސައިޓް ރަޖިސްޓްރީކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" ގެ އިތުރުން އިގުރާރު ހުށަހެޅުމުންކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. ހުށަހަޅަންޖެހޭ ފޯމާއި އިގުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބެން ހުންނާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ވަރކް ސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ އިތުރުން ވުޒާރައިން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއް ދިމާވެއްޖެނަމަ ، ސައިޓް ރަޖިސްޓްރީ ކުރަނީ ކުއްޔަށް ހިފާތަނެއް ކަމުގައިވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރުވެސް ވުޒާރައަށް ލިބިގެންވާކަމަށް އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރާ ވޯކް ވިސާގައި އެމީހުންނަށް ހުއްދަ ދީފައިވާ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއް އެމީހުން ލައްވައި ކުރުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު