ENGLISH
31 ޑިސެމްބަރު 2025
ބޮޑު ޝަކުވާއަކަށް ނިމުން؛ ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަނީ
31 ޑިސެމްބަރު 2025
|
ސެންޓަރ ފޯ މެންޓަލް ހެލްތު
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ގިނަވުމަކީ ޒަމާންވީ ޝަކުވާއެކެވެ. ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. ޑޮކްޓަރުންނާއި ތެރަޕިސްޓުންގެ އެޕޮއިންޓުމެންޓު ނުލިބުމެވެ. އެކަށީގެންވާ ފަރުވާ ލިބޭނެ ގޮތެއް ނެތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ މި މައްސަލަތަކަށް ހައްލުތަކެއް ހޯދައިދެއްވުމުގެ ވައުދުފުޅާއެކުއެވެ.
ރާއްޖޭގައި ނަފްސާނީ ބަލީގެ މައްސަލަތައް އޮތް މިންވަރަށް ބަލާއިރު ޑަބްލިއުއެޗްއޯގެ އިސްނެގުމަށް ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުން ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަން ތަހައްމަލުކުރާ މީހުންނެވެ. އަދި އެ ސާވޭގެ ހިސާބުތައް ދައްކާ ގޮތުން ކޮންމެ ދިހަ މީހަކުން އެއް މީހަކީ ފުރާނައަށް ގެއްލުންވާ ފަދަ ނަފްސާނީ ކޮންމެވެސް އުދަގުލެއް ތަހައްމަލުކުރާ މީހުންނެވެ.
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ގާއިމުކުރި ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންއަށް 2025 ވަނަ އަހަރުގެ ފަހާ ހަމައަށް 5،800 އަށްވުރެ ގިނަ ކޯލު ލިބިފައިވެއެވެ. އެ ހިސާބުތަކަށް ބަލާއިރު ނަފުސާނީ ބަލިތައް ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް ސާފުވެއެވެ.
މިހައި ބޮޑަށް ޑިމާންޑު އޮތް ފަރުވާއަކަށް ބަލާއިރު، އާސަންދައިން އެ ފަރުވާ ނުލިބުމަކީ އަބަދުވެސް ޝަކުވާއެކެވެ. ި ޝަކުވާތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޖަނަވަރީ 1، 2026 ވަނަ ދުވަހުން ފެށިގެން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދަ މެދުވެރިކޮށް ލިބޭނެއެވެ. އެ ފަރުވާއަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖެހިގެންދާނެއެވެ.
މިއީ އެތައް ޒަމާނެއްވީ ޝަކުވާއަކަށް ލިބޭ ދާއިމީ ތަސައްލީއެކެވެ. ސަރުކާރުން އަންނަނީ ނަފުސާނީ ބަލީގެ ފަރުވާ ފުޅާކޮށް، އަތޮޅު ތެރެއިންވެސް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަފްސާނީ ބަލީގެ ފަރުވާ އާސަންދަ މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރަށް ކްލިނިކުތަކާއި ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހުރިހާ ބާވަތެއްގެ ތެރަޕީއަށްވެސް އާސަންދައިގެ ކަވަރޭޖު ފުޅާކުރުމަށް ވަނީ ނިންމާފައެވެ.