ENGLISH

02 ޖެނުއަރީ 2026

Advertisement

ތޮއްޑޫއަަށް ސީ-ޕްލޭން ހިދުމަތް ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފި

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ތޮއްޑޫއަަށް ސީ-ޕްލޭން ހިދުމަތް ފެށުމަށްޓަކައި ސޮއި ކުރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ތޮއްޑޫ ކައުންސިލް

އއ.ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަން ސާވިސްއާ އެއްކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙްމަދު ކަރަމް އެވެ.

ތޮއްޑޫއަށް ސީ-ޕްލޭން ހިދުމަތް ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަންގެ ޓީމް ޒިޔާރަތްކުރުން--ފޮޓޯ:ތޮއްޑޫ ކައުންސިލް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އައިލެންޑް އޭވިއޭޝަންގެ ސީޕްލޭންގެ ހިދުމަތްތަކާގުޅޭ މުވައްޒަފުންގެ ޓީމެއް ވަނީ ތޮއްޑޫއަށް ޒިޔާރަތްކޮށްފަ އެވެ. މި ދަތުރުގައި އެ ޓީމްއިން ވަނީ ތޮއްޑޫ ކައުންސިލާއި އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކޮށްފައި ކަމަށް ތޮއްޑޫ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ، ފެބުރުވަރީމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށްވެސް ކަރަމް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ހިދުމަތް ފަށާއިރު ހަފްތާއަކު 2 ދުވަހު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި  އެ ހިދުމަތަށް އެދޭ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ތޮއްޑޫއަކީ ފަތުރުވެރި ރަށަކަށް ވުމާއެކު މި ޙިދުމަތާއެކު ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ޚިދުމަތާއެކު ރަށުގެ އިޤްތިސާދަށް ކުރިއެރުން އަންނާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫއަަށް ސީ-ޕްލޭން ހިދުމަތް ފެށުމަށްޓަކައި ސޮއި ކުރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ތޮއްޑޫ ކައުންސިލް

އަންނަ ފެބުރުވަރީ މަހުން ފެށިގެން ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭންގެ ހިދުމަތް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޮގަސްޓު މަހު އއ.އަތޮޅުގެ ރައްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން ތޮއްޑޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޕްލެޓުފޯމެއް ޤާއިމްކޮށް އަންނަ އަހަރުގެ ފެބުރުއަރީގައި ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކަމަދޫގެ އާއި ވެލިދޫ އަށް މޯލްޑިވިއަނުން މިހާރު އަންނަނީ ސީޕްލޭން ހިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު