ENGLISH
02 ޖެނުއަރީ 2026
ދެކުނަށް މޫސުން ގޯސް؛ އައްޑޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް
31 ޑިސެމްބަރު 2025
|
ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް--ފޮޓޯ:ދިފާއީ ވުޒާރާ
ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ދިފާއީ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން ބުނީ، ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް--ފޮޓޯ:ދިފާއީ ވުޒާރާ
މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި، ވައި ގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅު އެއްލާލައި މަގުމަތީގައި ހުރި ގަސްތައް ވެއްޓިފައިވާ ކަމުގެ ރިޕޯޓްތަކާއި، ހިތަދޫގައި ހުރި ބައެއް ފްލެޓްތަކަށް ގެއްލުންވުމާއި،އަދި ބައެއް ގެތަކަށް ފެންވަދެގެންވެސް ރިޕޯޓުކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް--ފޮޓޯ:ދިފާއީ ވުޒާރާ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން (އެންޑީއެމްއޭ) ބުނީ އައްޑޫއާއި ފުވައްމުލަކަށް ވިއްސާރަކޮށް ވައިގަދަވެ ގެއްލުންވެގެން ރިޕޯޓް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި އަދި ފުވައްމުލަކު ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއްވެއްޓި ގެއްލުން ވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް އިންސާނީ އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައި ނުވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ލިބެމުންދާ ގެއްލުން ދެނެގަތުމުގެ މަސައްކަތްތައް އޮތޯރިޓީން އަންނަނީ ކުރަމުން ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އެންމެ ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދާވެކަމަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރުގައި ވައި މަޑުވާނެކަމަށައި އެގޮތުން 5 މޭލާއި 15 މޭލާއި ދެމެދުގެ ވައިޖޭހެނެކަމަށެވެ. ކަނޑުތައް ދެކުނާއި މެދުރާއްޖެތެރެއަށް ގަދަވާނެކަމަށައި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެކަމަށެވެ. އެހެންނަމަވެސް ދެކުނަށް ހުކުރަށް ފަހު ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭކަަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.