ENGLISH

31 ޑިސެމްބަރު 2025

Advertisement

ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފި

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ގާނޫނަށް އިސްލާހު ކުރުން--ފޮޓޯ: ސީއެންސީ

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން، އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އަޅާކަމުގެ ޝަކުވާތަކެއް ރައްޔިތުންވަނީ ސަރުކާރާ ހިއްސާކޮށްފަ އެވެ. މި ޝަކުވާތަކަށް ހައްލެއް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ. އެމަނިކުފާނު ވިދާޅުވީ، އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އެޅުމުގެ މައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވުމަށްޓަކައި، ސިވިލް ސާވިސްގެ ހެދުން އެޅުމުގެ އުސޫލު ކުރިން އަމަލުކުރަމުން އައިގޮތަށް މިންގަނޑަށް ބަދަލުކޮށް، އިސްލާހު ކުރުމަށް ސިވިލް ސާވިސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސިވިލްސާރވިސް މުވައްޒިފުން ހެދުން އެޅުމަށް ޚާއްސަ އުސޫލެއް އެކުލަވާލާ އަމަލުކުރަމުން ދަނިކޮށް އެ އުސޫލަށް ބައެއް ބަދަލުތައް ގެނައީ 2014 ވަނަ އަހަރު އެވެ. އެއާއެކު ހެދުން އެޅުމުގައި ހިފެހެއްޓިފައި އޮތް ރިވެތި ބައެއް އުސޫލުތައް ގެއްލުނެވެ.

ސީއެސްސީން 2014 ގައި އަމަލުކުރަން ފަށާފައިވާ މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގެ އުސޫލުގައިވާ ގޮތުން، މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓޭނެ، ސާފުތާހިރު، އެކަށީގެންވާ ރީތި ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ހުންނަންވާނީ ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތެއްގައި ކަމަށާއި އަދި ލައިގެން ހުންނަ ހެދުމަކީ އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ އެ މާއްދާ ބަދަލު ކޮށްފަ އެވެ. އެގޮތުން،ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހުގެ އިތުރުން ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަންވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެއް ކަމަށާއި، ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަންވެސް މި އިސްލާހުގައި ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މަނާވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

މި އިސްލާހުގައި ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު