ENGLISH
31 ޑިސެމްބަރު 2025
ފައްތާހު ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025
|
ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ޑައިރެކްޓަރ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުއްޖެއެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވެސް ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ފައްތާހު ރޭ ވަރަށް ކުއްލި ގޮތަކަށް ނިޔާވީ، ސްޓްރޯކެއް ޖެހިގެން، ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުފަން ރަށް ހއ. ކެލާގައި ދިރިއުޅުއްވާ ފައްތާހު ދާދި ފަހުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓް ވެސް އޭނާ ވަނީ ކަށަވަރުކުރައްވައިފައެވެ.