ENGLISH

31 ޑިސެމްބަރު 2025

Advertisement

ދައުލަތު ބަޖެޓުން މީޑިއާތަކަށް 28.2 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފި

31 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ދައުލަތުން އަމިއްލަ މީޑިއާތަަކަށް 28.2 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ނިންމުން

އަމިއްލަ މީޑިއާތަކަަށް ދައުލަތުން ދޭން ނިންމާފައިވާ މާލީ އެހީގެ ދަށުން ޝަރުތު ފުރިހަމަވާ 39 މީޑިއާކަަށް 28.2 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ އެހީތެރިކަމަށް އެދި 57 މީޑއާއަކުން "ޕްރޮފައިލް" ކްރިއޭޓްކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ޝަރުތު ހަމަވީ މީގެ ތެރެއިން 41 މީޑިއާއެއްކަން އެ ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހީއަށް އެދުމުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަ ކޮށްފައިވަނީ 39 މީޑިއާ އަކުން ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެހީ ލިބޭނީ 39 މީޑިއާއަކަށް ކަމަށާއި، އަދި މާލީ އެހީތެރިކަމަށް އެދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ 39 މީޑިއާއަށް އެހީގެ ގޮތުގައި ލިބޭ އަދަދު، ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މާލީ އެހީތެރިކަމަށް އެދި އިޖުރާއަތްތައް ދެ މީޑިއާއަކުން ފުރިހަމަ ކޮށްފައި ނުވާތީ، އެ މީޑިއާތަކަށް ލިބެންޖެހޭ ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދިނުމަށް އެ ކޮމިޝަނުން ޔޫތު މިނިސްޓްރީއަށް އެދިފައިވާނެ ކަމަށް ވެސް ބަޔާނުގައިވަނީ ބުނެފަ އެވެ. 

ދަައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާގެ އެހީ ދިނުމުގެ އުސޫލަށް މިދިޔަ ހަފުތާގައި ގެނެވުނު ބަދަލާ އެކު، ޝަރުތު ފުރިހަމަވާނީ ރަޖިސްޓަރީ ކޮށްގެން، މެދުނުކެނޑި ހިންގާތާ އަހަރު ދުވަސްވެފައިވާ މީޑިއާތަކެވެ. 

މީޑިއާ ކޮމިޝަނުން އިތުރަށް ބުނީ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދައި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މިޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިފާ ފައިސާ ދިނުމަކީ އެ ކޮމިޝަނުގެ އަމާޒެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު