ENGLISH
31 ޑިސެމްބަރު 2025
ބޮޑު މަޝްރޫއު ފެނުން ތިލަވަނީ؛ އައިލާ ސަސްޓައިނަބަލް ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
31 ޑިސެމްބަރު 2025
|
އައިލާ ޓައުންޝިޕް އިންވެސްޓުމެންޓު މަޝްރޫއުގައި ސޮއިކުރުން
އެސްއީޒެޑް ގާނޫނުގެ ދަށުން ސަސްޓައިނަބަލް ޓައުންޝިޕް ތަރައްގީކުރުމަށް ސަރުކާރުން ދޫކުރި ފުރަތަމަ ހުއްދައިގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއު ކަމުގައިވާ އައިލާ ސަސްޓައިނަބަލް ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދޫކުރީ ޑިސެންބަރު 11، 2025 ވަނ ދުވަހުއެވެ. އެ ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންސް ކުންފުންޏަށެވެ. މި މަޝްރޫއުގައި ކްރިސްޓަލް ހޯލްޑިންސްގެ އިތުރަށް ބްލޫ ރޮކްއިން އިންވެސްޓުކުރެއެވެ.
މިއަދު އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އައިާ ސަސްޓައިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ފަރާތުން ސޮއިކުރެއްވީ އެ މަޝްރޫއުގެ ސީއީއޯ ޕެޓާރް ކްރިސްޓިކްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދު މުޅިން އެހެން ހަރުފަތަަކަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ އެންމެ ޒަަމާނީ ސިއްހީ ވަސީލަތްތަކާއި ތައުލީމީ ވަސީލަތްތަކާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް ފެށި، ދިގު މުއްދަތަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަަތު ފަހިކުރެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކްރިސްޓަލް ހޯލްޑިންސްގެ ބޮޑު އިންވެސްޓުމެންޓާއެކު އެހެނިހެން އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރުވެސް އިތުރުވެ، އައު އިންވެސްޓަރުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބުމަށް މަގުފަހިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިިނިސްޓަރު ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ މި މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށި ކަނޑައެޅިފައިވާ މުއްދަތުގައި މަޝްރޫއުގެ މަސައްކަތް ނިމިގެންދިއުން ކަމަށެވެ. އަދި ކްރިސްޓަލް ހޯލްޑިންސްއާއި މި މަޝްރޫއު ހިންގާ ޓީމަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމުގައި ސައީދު ވިދާޅުވިއެވެ.
ނ.އަތޮޅުގެ ދިގުފަރުފަޅާއި، ދެކުނުފަރާއި ކުރަމާދޫގައި ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގާނެއެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭ ތަނެއް ތަރައްގީކުރާނެއެވެ. މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ބިނާރުތަކުގައި ހަކަތައިގެ 60 އިންސައްތަ އުފައްދާނީ އިއާދަކުރަނަވި ހަކަަތައިންނެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެ އެވެ.
މުޅި މި މަޝްރޫއަކީ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.