ENGLISH

31 ޑިސެމްބަރު 2025

Advertisement

ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖެއަަކީ އިންވެސްޓަރުންގެ އިތުބާރު އޮތް މަންޒިލަކަށްވާނެ: އައިލާގެ ސީއީއޯ

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އައިލާ ޓައުންޝިޕް ޕްރޮޖެކްޓުގެ ސީއީއޯ ޕެޓާރް ކްރިސްޓިކް

ސަރުކާރުން ގެންގުޅޭ ވިޔަފާރިއާ ރަހުމަތްތެރި ސިޔާސަތުތަކާއެކު ދިވެހިރާއްޖެއަކީ ރަނގަޅު އިންވެސްޓުމެންޓެއް ކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންގެ މެދުގައި މަގުބޫލު އަދި އިތުބާރު އޮތް މަންޒިލަކަށްވާނެ ކަމުގައި ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓަައުންޝިޕް މަޝްރޫއުގެ ސީއީއޯ ޕެޓާރް ކްރިސްޓިކް ވިދާޅުވެއްޖެއެވެ. 

ނ.އަތޮޅުގައި ހިންގާ އައިލާ ސަސްޓައިނަބަލް ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ބްލޫރޮކް އަދި ކްރިސްޓަލް ހޯލްޑިންސްގެ ނަމުގައި އޭނާވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު ހަގީގަތަކަށްވެގެންދިޔައީ ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކޮށް، ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއި ތަސައްވުރުގެ ސަބަބުންނެވެ. 

ކްރިސްޓިކް ފާހަގަކުރައްވާފައިވަނީ މި މަޝްރޫއު ހަގީގަތަކަށް ހެދުމަށް ފާއިތުވި އަހަރެއް، ދޮޅުއަހަރެއްހައި ދުވަހު ކުރެވުނު މަސައްކަތްތަކުގައި ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އިރުޝާދެވެ. އެ އެހީތެރިކަން ފާހަގަކުރައްވައި އިންވެސްޓުމެންޓު ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގެންނެވި ވަޒީރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. 

ރާއްޖޭގައި އުފެދެމުން އަންނަނީ "ޕްރޯ ބިޒްނަސް" ނުވަތަ ވިޔަފާރިތަކަށް ފަސޭހަ ފަހި މާހައުލެއްކަން ފާހަގަކުރައްވަމުން ކްރިސްޓިކް  ވިދާޅުވީ އެ މާހައުލު އުފެއްދުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއެކު ރާއްޖެއިން ބޭރުގެ އިންވެސްޓަރުންގެ އިތުބާރާއި ޝައުގު ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. 

އަދި އައިލާ ޓައުންޝިޕް މަޝްރޫއަކީ މިހާތަނަށް ސަރުކާރުން ހުއްދަދިން ފުރަތަމަ މި ބާވަތުގެ މަޝްރޫއަށްވުމަކީ ލިބިވަޑައިގަތް އުފަލެއްކަން ފާހަގަކުރައްވަމުން ކްރިސްޓިކް  ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ މިބާވަތުގެ އިތުރު މަޝްރޫއުތައް ރާއްޖެއަށް މުސްތަގުބަލުގައި ގެނެވި އެފަދަ އިންވެސްޓުމެންޓުތައް އިތުރުވުމަށް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު