ENGLISH

31 ޑިސެމްބަރު 2025

Advertisement

ކްލިނިކުތަކާއި އައިނު ފިހާރަތަކުން ދޫކުރާ ޕްރިސްކްރިޕްޝަނަށް އާސަންދައިން އައިނު ހެދޭ ގޮތް ހަމަޖައްސައިފި

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން ހިދުމަތް ދެނީ

ކްލިކުތަކާއި އައިނު ފިހާރަތަކުން ދޫކުރާ ލޮލުގެ ނަންބަރު ނުވަތަ ޕްރިސްކްރިޕްޝަނަށް އާސަންދައިން އައިނު ހަދައިދޭ ގޮތަށް ހަމަޖައްސައިފިއެވެ. 

މީގެ ކުރިން އޮންނަނީ ހޮސްޕިޓަލަކުން ޕްރިސްކްރިޕްޝަން ހަދައިގެންނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭ ގޮތަށެވެ. މި މައްސަލާގައި މާލޭގައި އައިނު ފިހާރަ ހިންގާ ބައެއް ފަރާތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ރައީސް ބޭއްވެވި ބައްދަލުވުމުގައި އައިނު ވިޔަފާރިކުރާ މީހަކު ބުނެފައިވަނީ ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ތިބެނީ، ތައުލީމާއި ތަޖުރިބާ ލިބި، ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނަގައިގެން މަސައްކަތްކުރާ އޮޕްޓޮމެޓްރިސްޓުން ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ކްލިނިކުތަކާއި އައިނު ފިހާރަތަކުގައި މަސައްކަތްކުރާ އޮޕްޓޮމެޓްރިސްޓުންނަކީ ރާއްޖޭގައި މަސައްކަތްކުރެވޭ ފެންވަރުގެ ގާބިލު ބައެއްކަމަށް ދައުލަތުން ބަލައިގަތް ނަމަވެސް އެމީހުން ލިޔެދޭ ޕްރިސްކްރިޕްޝަނަކަށް އައިނު ހެއްދުމަށް އާސަންދަ ނުލިބޭ ކަމަށެވެ. 

މިއަދު އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ރައްޔިތުުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އާސަންދައިގެ ތެރެއިން ރަނގަޅުކުރަން ހުރިކަމަށް ރައްޔިތުން ފާހަގަކުރި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން އައި ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަަޖެއްސުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާކޮށް، ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ މެދުވެރިކޮށް އައިނު ހެދޭނެ ގޮތަށް ނިންމާފައިވާ ކަމަަށެވެ. 

އެ ނިންމުން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް އެކުލަވައިލާ އާއްމުކޮށް 15 ޖަނަވަރީ 2026 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުގައި ތިބޭ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ނުވަތަ ލޮލުގެ ނަންބަރުތަކަަށް އާސަންދަ މެދުވެރިކޮށް އައިނު ހަދައިދޭން ފަށާނެ ކަމަަށެވެ. 

ކިޔުންތެރިންގެ ހިޔާލު